ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 3 ވަނަ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވައިފި
25 މާރިޗު 2024 22:30
ސްވިޒަރލެންޑުގެ ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 148 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 3 ވަނަ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ތަޤްރީރުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ލިބޭ ގެއްލުމާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކަކީ ދުނިޔޭގެ މޫސުމަށާއި ކަނޑުގެ ދިޔަވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރުކުރާ ޤައުމުތަކެއްކަން ފާހަގަ ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްގެ ވާހަކަފުޅުގައި، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކާއި، ދުނިޔެއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އަދި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަންޖެހޭކަން ފާހަގަކުރައްވާ، އެފަދަ އުސޫލުތައް އެކަށެއެޅުން އަވަސްކުރުމަށް ދުނިޔޭގެ ލީޑަރުންނަށާއި ޤާނޫނު ހަދާ މަޖިލިސްތަކަށް ގޮވާލެއްވިއެވެ.
އަދި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބޭ ގެއްލުމާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާއި، އެފަދަ މަސައްކަތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްގެ ވާހަކަފުޅުގައި، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފާހަގަ ކުރައްވައި، މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާގުޅޭ ކޮމިޓީގެ މަސައްކަތްތައް ބަޔާންކޮށްދެއްވިއެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުމާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ދުނިޔޭގެ ލީޑަރުންނާއި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މި މަސައްކަތައް ބޭނުންވާ ވަސީލަތްތައް ހޯދައި، އެކީގައި މަސައްކަތްކުރުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ގޮވާލެއްވިއެވެ.