ޗައިނާ - ސައުތު އޭޝިއާގެ 8 ވަނަ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވާހަކަފުޅު ދައްކަވައިފި

23 ޖުލައި 2024 09:30

ޗައިނާ - ސައުތު އޭޝިއާގެ 8 ވަނަ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ. އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ސީނުކަރައާ ދެމެދު އޮންނަ ތާރީޚީ އަދި ޒަމާނީ ގުޅުމަށް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ވަނީ މި ފޯރަމްގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަ ކަމަށާއި ބަދަހިގުޅުމަށް ބާރުއަޅުއްވާފައެވެ.


ސީނުކަރައާއި ދިވެހިރާއްޖެއާ ދެމެދު ބިންވަޅު ނެގިފައިވާ ފަންސާސް އަހަރުގެ ޑިޕްލޮމެޓިކް ގުޅުމަށް ތަޢުރީފު ކުރައްވަމުން ދިވެހިރާއްޖޭގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޗައިނާ ސަރުކާރުން ދެއްވާ އެއްބާރުލުން އޮނަރަބަލް އަޙްމަދު ނާޡިމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ސިނަމާލޭ ބްރިޖު ފެނިގެންދާނެ. އެ ބްރިޖުން ވަނީ ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތަކަށް ހަލުއި ކަމެއް ގެނަސްދީފަ" އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.


ޗައިނާ - ސައުތު އޭޝިއާގެ 8 ވަނަ އެކްސްޕޯގެ މިއަހަރަށް ކަނޑައަޅާފައިވާ މައުޟޫޢަކީ، ޤައުމުތައް ގުޅިގެން ބަދަހިކަމާއެކު އެންމެންގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ މައުޟޫޢެވެ. އޮނަރަބަލް އަޙުމަދު ނާޡިމް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި އެ މައުޟޫޢަށް އިޝާރާތް ކުރައްވާފައެވެ.


އެގޮތުން، ދެކުނު އޭޝިއާގެ ޤައުމުތަކާއި ޗައިނާއާ ދެމެދު ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށާއި ސަޤާފީ ގުޅުން ބަދަލުކުރުމަށް، މެހްފިލެއްގެ ގޮތުގައި މި އެކްސްޕޯގެ ބޭނުން ހިއްޕެވުމަށް ގޮވައިލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން، މޫސުމީ ބަދަލުތަކާއި އިޤްތިޞާދީ ތަފާތުކުރުމާ ދެކޮޅަށް، ޤައުމުތަކުން ގުޅިގެން އެއްސަފެއްގައި މަސައްކަތް ކުރެއްވުމަށް ގޮވައިލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށްޓާއި މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކަށް އަލިއަޅުވައިލައްވަމުން، އެފަދަ ކަންކަމަށް ވަށައިޖެހޭ ހަމަހަމަ ޙައްލުތަކެއް ހޯއްދެވުމަށް ގޮވައިލެއްވިއެވެ.

"ޢިލްމާއި ޓެކްނޮލޮޖީއާއި ޤައުމުތަކުން ގެންގުޅެފައިވާ އެންމެ މުނާސިބު ކާމިޔާބު ތަޖުރިބާތައް އެއްބަޔަކު އަނެއް ބަޔަކާ ޙިއްސާކުރުމުން، ވަށާޖެހޭ އަދި އެއްވެސް ޤައުމެއް ބާކީ ނުވާފަދަ ގޮތަކަށް ތަރައްޤީގެ މަސައްކަތް ޙާޞިލު ކުރެވިގެންދާނެ" އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.


ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ނާޒުކު ފައްތަރާ ބެހޭ ގޮތުން އަލިއަޅުވައިލައްވަމުން އޮނަރަބަލް އަޙްމަދު ނާޡިމް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކެނޑިނޭޅި ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވައި، ފަތުރުވެރިން ފޮނުވާ މުހިންމު މަންޒިލަކަށް ޗައިނާ ވެފައިވާ ކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ޗައިނާގެ ލީޑަރުންނަށް ތަޢުރީފް ކުރައްވާފައެވެ.


"ޗައިނާގެ ފަތުރުވެރިންނަކީ އަޅުގަނޑުމެންގެ ޓޫރިޒަމް މާކެޓުގެ ބޮޑު ޙިއްސާއެއް. އަދި ޗައިނާއަކީ އަދިވެސް އަޅުގަނޑުމެންގެ ޤައުމަށް ފަތުރުވެރިން ފޮނުވާ އެންމެ މުހިންމު އެއް މަންޒިލް،" އޮނަރަބަލް އަޙްމަދު ނާޡިމް އިތުރަށް ވިދާޅުވި އެވެ.

ޗައިނާގެ ކުންމިންގެ ސަރުކާރުގެ މަސްއޫލުވެރިންނާއި މި އެކްސްޕޯ އިންތިޒާމު ކުރާ ފަރާތުން އެމަނިކުފާނާއި ވަފްދުގެ ބޭފުޅުންނަށް އެރުވި ފުރިހަމަ މެހުމާންދާރީއަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވާ ކަމަށްވެސް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

މިއަހަރު ޗައިނާ - ސައުތު އޭޝިއާގެ 8 ވަނަ އެކްސްޕޯގައި އާކިޓެކްޗަރަލް ސައިންސް، މެނުފެކްޗަރިން، ގްރީން އެނާޖީ، ހެލްތްކެއާ، ސަޤާފަތް، އަދި ޓޫރިޒަމްގެ ދާއިރާއިން އާ އީޖާދީ އުފެއްދުންތައް، 15 ޕެވިލިއަނެއްގައި ދައްކާލާފައި ވެއެވެ.

މި އެކްސްޕޯއިން، ވިޔަފާރީގެ އިތުރުން ޓެކްނޮލޮޖީއާއި ތަޢުލީމީ އަދި ސަގާފީ ގޮތުން ގުޅުން ބަދަލުކުރުމަށް ޤައުމުތަކަށް ފުރުޞަތު ލިބޭކަން ފާހަގަ ކުރައްވައި އެފަދަ މެޙްފިލްތަކަކީ، ބައިނަލްއަޤްވާމީ ސުލްޙައާއި، ޚިޔާލު ބަދަލުކޮށްލުމަށް ލިބޭ އަގުހުރި ފުރުޞަތެއްކަންވެސް ފާހަގަ ކުރެއްވިއެވެ.


"އަޅުގަނޑަށް ޔަގީން މި އެކްސްޕޯގެ ސަބަބުން އަޅުގަނޑުމެންގެ މިހާރުގެ ގުޅުންތައް ހަރުދަނާވެ، ތަރައްޤީގެ މަގުގައި އެއްބާރުލުމާއި އައު ގުޅުމަކަށް، އާ މަގުތަކެއް ހުޅުވިގެންދާނެ،" އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ. އަދި މި އެކްސްޕޯގައި ބައިވެރިވާ ހުރިހައި ޤައުމަކަށްވެސް ފާގަތި ތަނަވަސް މުސްތަޤްބަލަކަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.


8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ކުންމިންގައި ޖުލައި 21 އިން ޖުލައި 24 އަށެވެ. 


ލިޔުން ޝެއަރ ކުރުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA