ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަޙްމަދު ނާޡިމް،5 ވަނަ ޗައިނާ -ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ސަރަހައްދީ އެއްބައިވަންތަކަމަށް ބާރުއަޅުއްވައި ތަޤްރީރު ކުރައްވައިފި

24 ޖުލައި 2024 11:20

ޗައިނާގެ ކުންމިންގް — ޗައިނާގެ ކުންމިން ސިޓީގައި މިއަދު އިފްތިތާޙު ކުރި، 5 ވަނަ ޗައިނާ - ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ތަޤްރީރު ކުރައްވައި ސަރަހައްދީ އެއްބައިވަންތަކަމަށް ގޮވާލައްވައިފިއެވެ.


އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފްދަށް ވިދާޅުވެ ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފޯރަމް އިންތިޒާމް ކުރެއްވި ފަރާތުގެ މެހްމާންދާރިއާއި އިންތިޒާމުގެ ފުރިހަމަކަމުން އެފަރާތަށްވެސް ޚާއްޞަ ޝުކުރެއް ރައްދުކުރެއްވިއެވެ.


އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި، ބޯދާޒަމާނުގެ ޙަޟާރަތުގައި ވިޔަފާރިއާއި ސަޤާފަތް ބަދަލު ކުރުމުގެ މަރުކަޒެއްގެ ގޮތުގައި ކުންމިން ސިޓީ އަދާކޮށްފައިވާ ތާރީޚީ ދައުރަށް އަލިއަޅުވައި ލެއްވިއެވެ. އެގޮތުން، އެސިޓީން އަދާކޮށްދީފައިވާ ދައުރަކީ ޒަމާންތަކަކަށް ދެމިގެންދާ ސަރަހައްދީ އެއްބާރުލުން ރަމްޒުކޮށްދޭ ދައުރެއް ކަމަށާއި، އެއީ އިންސާނީ ޙަޟާރަތަށް ފުންއަސަރުތަކެއް ކޮށްދީފައިވާ ގުޅުންތަކެއް ބިނާކޮށްދިން މަދަނިއްޔަތުގެ މަރުކަޒެއްކަންވެސް ފާހަގަ ކުރެއްވިއެވެ.


"ކުރިން ފެނިފައި ނުވާފަދަ، ޢާލަމީ ގޮންޖެހުންތަކެއް މިއަދު އަޅުގަނޑުމެނާ މިވަނީ ކުރިމަތިލާފައި. އެއްބައިވަންތަކަމާއެކު ޖަމާޢީ ފެންވަރުގައި ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން މިއަދު މިވަނީ އިހުނަށް ވުރެން ބޮޑަށް އިޙުސާސް ކުރަންޖެހިފައި،" ދޭދޭ ޤައުމުތަކުގެ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުވައި ލައްވަމުން، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއަދު މި އިފްތިތާޙު ކުރެވުނު ފޯރަމްގެ މައުޟޫޢަކީ، ސަރަހައްދީ ތަރައްޤީއަށްޓަކައި ޚިޔާލާތު އެއްގޮތް ކުރުމަށް ބާރުއަޅާ މައުޟޫއެކެވެ. "ބިލްޑް ކޮންސެންސަސް ފޯ ރީޖަނަލް ޑިވެލޮޕްމަންޓް" ގެ މައުޟޫޢަކީ، ދެކުނު އޭޝިއާ ސަރަޙައްދަށް މުހިންމު އަމާޒަކަށް މަގު ދައްކުވައިދޭ މައުޟޫޢެއްކަމުގައި ފާހަގަ ކުރެއްވިއެވެ.


އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި، މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގެ ނާޒުކު ޙާލަތު ބައިވެރިންނަށް ސިފަކޮށްދެއްވިއެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސަރަހައްދުގެ ތިޔާގިކަމާއި ފާގަތިކަން އަދި ތަރައްޤީ ބިނާވެފައި ވަނީ، ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ތަރައްޤީގެ މަގުގައި ނަތީޖާ ޙާޞިލު ކުރެވޭނީ، ޚިޔާލު އެއްގޮތްކޮށް ކުރުމާއެކު އެއްބަޔަކު އަނެއްބަޔަކަށް ދަނެފަރިތަކަމާއެކު ބަދަހިގުޅުމަކުން ގުޅިގެން ތިބެގެން ކަމަށްވެސް ވިދާޅުވިއެވެ. ދެކުނު އޭޝިއާގެ ސަރަޙައްދުގެ ސުލްޙަމަސަލަސްކަމަށް ބާރުއަޅުއްވަމުން އެމަނިކުފާނު ވަނީ ހުރިހައި ޤައުމަކުންވެސް އެކުވެރިކަމާއި ޚިޔާލާތު އެއްގޮތް ކުރުން އިސްކުރުމާއެކު، ޖަމާޢީ ތަރައްޤީއަށް ކޮންމެ ބަޔަކުވެސް އަނެއް ބަޔެއްގެ ތަފާތުކަމާއި ހުނަރާއި ޤާބިލުކަމުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.


"ތަފާތު ޚިޔާލާތު އެއްގޮތް ކުރުމަކީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކުރަން ޖެހޭ ކަމެއް ނޫން! އެއީ، ސުލްހައިގެ ވެށްޓެއް ބިނާކުރުމަށާއި ދޭދޭ ޤައުމުގެ ގުޅުން އިޙުތިރާމްގެ މައްޗަށް ބިނާ ކުރުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއް،" އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.


އެމަނިކުފާނު ވިދާޅުވީ، އެއްބާރުލުމާއި މަޝްވަރާގެ މަތިވެރި އުޞޫލު އިސްކުރުމުން ނާޒުކު ޙާލަތްތަކުން އަރައިގަނެވި، ސަރަޙައްދުގައި އަމާން ޞުލްޙަވެރި މާޙައުލެއް ޤާއިމް ކުރެވޭނެ ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަށް އިޝާރާތް ކުރައްވައި އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވީ، ދިވެހިރާއްޖެއިން ދެކެނީ، ކޮންމެ ޤައުމަކުންވެސް އަނެއް ޤައުމަކާއެކު އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ އުޞޫލު އިސްކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ސިޔާސަތު ބައްޓަން ކުރެވޭނަމަ، އެކަމުގެ އަލީގައި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިވެ، ދޭދޭ ޤައުމުގެ ދެމެދުގެ ވިޔަފާރިއަށް މަގުފަހިވެގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.


އޮނަރަބަލް އަޙްމަދު ނާޡިމް ފާހަގަކުރެއްވި ގޮތުގައި ޢުމްރާނީ ތަރައްޤީއާއި ޓެކްނޮލޮޖީ، އަދި ތަޢުލީމަށް އިންވެސްޓް ކުރުމުން ޤައުމުގެ އިޤްތިސާދީ ޤާބިލްކަން އިތުރުވެގެން ދާނެއެވެ. އަދި އެއީ، ތަރައްޤީގެ ސިފައިގައި އެކަމުގެ ނަފާ އެންމެހައި ފަރުދުންނަށް ފޯރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރަޙައްދުގެ ޤައުމުތަކުގެ ތަރައްޤީއަށްޓަކައި އެފަދަ މަސައްކަތްތައް ރާވައި ވިލަރެސްކުރުމުގެ ހުރިހައި މަރުޙަލާއެއްގައި ޙިއްޞާދާރުން ބައިވެރިކުރުމުގެ މުހިންމު ކަމަށްވެސް އަލިއަޅުވައި ލެއްވިއެވެ.


އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި، ޒަމާނާއި ޙާލަތަށް އަދި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށްތަކައި ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތައް އަށަގަންނުވައި، ފެހި ޓެކްނޮލޮޖީ އަމިއްލަ ކުރުމަށް ގޮވާލެއްވިއެވެ.


"އަޅުގަނޑުމެން އެއް ޤައުމު އަނެއް ޤައުމުގެ ތަޖުރިބާއިން ޢިބްރަތް ލިބިގަނެ، ހިރާސްތަކާ ކުރިމަތިލާފަދަ އިޤްތިޞާދުތައް ބިނާކުރުމަށް އެންމެ މުނާސިބު ވައްޓަފާޅިތައް އަމިއްލަ ކުރަން ޖެހޭނެ،" އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.


ދިވެހިރާއްޖޭގެ ތަޖުރިބާ ޙާޟިރީންނާ ޙިއްޞާކޮށް ދެއްވަމުން އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވީ، މަޝްވަރާގެ މަތިވެރި އުޞޫލު އިސްކޮށް، ބައިނަލްއަޤްވާމީ ދާއިރާގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުން ދެބަސްވުންތަކުން އަރައިގަނެވި، ޤައުމީ ތަރައްޤީއަށް މަގުފަހިކޮށްދޭ ކަމަށެވެ. އެމަނިކުފާނުގެ ވާހަފުޅު ނިންމަވާލައްވަމުން، ދެކުނު އޭޝިއާ ސަރަޙައްދަކީ އަމާން ފާގަތި ސަރަޙައްދަކަށް ހެދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ދެކުނު އޭޝިއާގެ ސަރަޙައްދީ ތަރައްޤީއަށް އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަމުގައިވެސް ވިދާޅުވިއެވެ.

 

އޮނަރަބަލް އަޙްމަދު ނާޡިމް އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައި ލެއްވީ، ޗައިނާ ސަރުކާރާއި މި ފޯރަމް އިންތިޒާމް ކުރާ ފަރާތުން އެމަނިކުފާނަށާއި ވަފްދަށް އެރުވި ލާމަސީލު މެހްމާންދާރީއަށް ޝުކުރު އަދާކުރައްވަމުންނެވެ. 


ލިޔުން ޝެއަރ ކުރުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA