ސެކްރެޓަރީ ޖެނެރަލް މީޑިއާއަށްދޭ މަޢުލޫމާތު

27 އޮކްޓޯބަރު 2019 13:00

އަޅުގަނޑު ފަށަމުން ދަންނަވާލަން ބޭނުންވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެކެވެ. މި މަޖލީހުގެ ނަޒާހަތްތެރިކަން ދެމެދެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުން އަދި މަޖިލީހުގެ އިދާރާއިން ގަދަ އަޅާ މަސައްކަތްކުރާނެއެވެ. އަޅުގަނޑުމެން އެކަން ކަށަވަރުކުރަން މަސައްކަތްކުރާ ދަނޑިވަޅެއްގައި، އެމްއެމްޕީއާރސީގެ ޚިޔާނާތުގައި، މި މަޖިލީހުގެ މެންބަރުންތަކެއް ޝާމިލްވާކަމަށް ތުހުމަތު ކުރެވި އެވާހަކަ ތަހުޤީޤީ އިދާރާތަކުންވަނީ ހާމަކޮށްފައެވެ. އެހެންކަމުން، އެމްއެމްޕީއާރސީގެ ކޮރަޕްޝަނުގައި ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ނަންތައް ކަމާބެހޭ އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް އަންގަވައި ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވައެވެ. މީގެ އިތުރުން އަޅުގަނޑު ފާހަގަކޮށްލަން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެބޭފުޅުންގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ އިންތިޒާމް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަޅުގަނޑުމެން މިހާރުވަނީ ހަމަޖައްސާފައެވެ. މަޖިލީހުގެ އިދާރާގެ މެންބަރ ސަރވިސް ސެކްޝަން މެދުވެރިކޮށް މެންބަރުން އެދިވަޑައިގަތުމުން، އެ ބައްދަލުވުންތައް އިންތިޒާމްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީވެސް މެންބަރުންނާއި ރައްޔިތުންނާ ދެމެދުއޮތް ގުޅުން ވަރުގަދަވާނެ ކަމެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. އާދެ! މަޖިލީހުގެ މިދައުރުގެ މަސައްކަތްތަކަށް ބަލާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށުނުފަހުން މަޖިލީހުގެ މަސައްކަތްތައް ވަރަށް ބާރަށްކުރިއަށްދާކަން އަޅުގަނޑު ފާހަގަކޮށްލަމެވެ. ފުރަތަމަ ދައުރުގެ އެންމެފަހުދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މިހާރު ކުރިއަށްމިދާ ދެވަނަ ދައުރުގައި ކުރާނެ މުހިއްމު މަސައްކަތް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި މިދައުރުގައި ނިންމަން ގަސްތުކުރައްވާ ބިލުތަކާއި އަދި ދައުލަތުގެ ބަޖެޓުގެ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ދައުރަށް ސަރުކާރުން ހުށަހަޅުއްވަން ގަސްތުކުރައްވާ 34 ބިލެއްގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށްވަނީ އަންގަވާފައެވެ. އޭގެތެރެއިން އާމްދަނީއިން ޓެކްސްނެގުމުގެ ބިލާއި، ލާމަރުކަޒީ ޤާނޫނަށް އިޞްލާހުގަނައެުމުގެ ބިލު ވަނީ މަޖިލީހަށް ހުށަހެޅިފައެވެ. އަދި އިންތިޤާލީ އިންސާފުގެ ބިލުގެ ފުރަތަމަ ކިޔުން މިވަނީ މާދަމާގެ ޖަލްސާއަށް އެޖެންދާކުރެވިފައެވެ. މީގެއިތުރރުން، މިހާރު އަމަލުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުން، ސިޔާސީ ޕާޓީތަކަށް ބިލު ހުށެހެޅުމުގެ ފުރުސަތުލިބިދެއެވެ. އެހެންކަމުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ބިލު ހުށަހެޅުމުގެ ފުރުސަތު އޮތް ކަން އަޅުގަނޑު ފާހަގަކުރަމެވެ. މިހާރު މަޖިލީހުގައި އެކުލަވާލުމުގެ މަސައްކަތްކުރިއަށްދާ ބިލިުތަކުގެ ތަފްސީލު ދަންނަވާލާނަމެވެ. 1. ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މި ބިލު ޑުރާފުކުރުމުގެ މަސައްކަތް، ބިލު ޑުރާފުޓު ކުރުމަށް އެކުލަވާލެއްވި ސަބު ކޮމިޓީން ދަނީ ކުރައްވަމުން/ ސަބު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 4 މެންބަރުންނާއި ޖޫޑީޝަރީ ކޮމިޓީގެ 3 މެންބަރުންނެވެ. މިހާތަނަށް އައިރު ސަބު ކޮމިޓީންވަނީ 15 ފަރާތަކާއި ބައްދަލުކޮށް ބިލު އެކުލަވާލުމުގައި އެބޭފުޅުންގެ މަޝްވަރާ ހޯއްދަވާފައެވެ. 2. ދަތުރުފަތުރާބެހޭ ބިލު ދަތުރުފަތުރާބެހޭ ބިލުގެ މަސައްކަތްކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީން ވަނީ ކަމާއިގުޅޭ 7 ފަރާތަކާއި ބައްދަލުކޮށްފައެވެ. މި ބިލު ޑުރާފްޓު ކުރުމުގެ މަސައްކަތް ކުރައްވާ ސަބު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 5 މެންބަރުންނެވެ. 3. ބޯހިޔާވަހިކަމުގެ ބިލު ބޯހިޔާވަހިކަމުގެ ބިލުގެ މަސައްކަތައް ބާލާއިރު، ބިލު ޑްރާފްޓު ކުރުމަށް އެކުލަވާލައްވާފައިވާ ސަބު ކޮމިޓީން މިއަދުގެ 11 އިން ފެށިގެނެ ޖުމުލަ 14 ފަރާތަކާއި ބައްދަލުކުރައްވާ ބިލު އެކުލަވާލުމުގައި އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެއެވެ. މި ބިލު ޑްރާފުޓު ކުރުމުގެ މަސައްކަތްކުރައްވާ ސަބު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ 5 މެންބަރުންނެވެ. 4. ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މި ދެ ބިލަކީ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ނަގާފައިވާ ސަބް ކޮމިޓީތަކުން ކުރިއަށްގެންދަވާ ދެ ބިލެވެ. 5. މަދަނީ އިޖުރާޢަތުގެ ބިލު މި ބިލުގެ މަސައްކަތްވެސް ކުރައްވަނީ ޖުޑީޝިއަރީ ކޮމިޓީން ނަގާފައިވާ ސަބް ކޮމިޓީއަކުންނެވެ. މި ބިލުގެ މަސައްކަތްވެސް ބިލު ޑްރާފުޓުކުރެއްވުމަށް އެކުލަވާލެއްވި ސަބު ކޮމިޓީން ދަނީ ކުރައްވަމުންނެވެ. 6. ފެނާއި، ކަރަންޓާއި، ނަރުދަމާގެ ބިލު ފެނާއި، ނަރުދަމާގެ ބިލު ބިލުގެ މަސައްކަތް ކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 6 މެންބަރުންނެވެ. އަދި މި ބިލުގެ ޑްރާފްޓާއި ގުޅޭގޮތުން 9 ފަރާތަކާއި ސަބު ކޮމިޓީން ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެއެވެ. 7. މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު މިނިމަމް ވޭޖް ބިލުގެ މަސައްކަތް ކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އިޤްތިޞާދީ ކޮމިޓީގެ 6 މެންބަރުންނެވެ. މިހާތަނަށް އައިރު މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުގެ މެންބަރުންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި ސަބު ކޮމިޓީންވަނީ ބައްދަލުކުރައްވާ އެބޭފުޅުންގެ ޚިޔާލުހޯއްދަވާފައެވެ. 8. ވަޒީފާ ހޯދާ ފަރާތްތަކަށްދޭ އެލަވަންސް ދިނުމާބެހޭ ބިލު ވަޒީފާ ހޯދާ ފަރާތްތަކަށްދޭ އެލަވަންސްދިނުމާބެހޭ ބިލުގެ މަސައްކަތް ކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އިޤްތިޞާދީ ކޮމިޓީގެ 5 މެންބަރުންނެވެ. ސަބް ކޮމިޓީން ދަނީ މިހާރު މި ބިލާ ގުޅޭގޮތުން ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަޅުގަނޑު މިދަންނަވާލީ މިހާރު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ބިލުތަކުގެ ތަފުސީލެވެ. މި ބިލުތަކުގެ މަސައްކަތުގެ އިތުރުންވެސް ކޮމިޓީތަކުންދަނީ ކޮމިޓީތަކަށް ފޮނުއްވާ އިތުރު މަސައްކަތްވެސް ކުރައްވަމުންނެވެ. ތިބޭފުޅުންނަށް ފާހަގަކުރެއްވޭނެ، ކޮމިޓީ ބައްދަލުވުންތައް ރޭގަނޑުވެސް އަދި ހަފުތާ ބަންދުގައިވެސް ބާއްވައެވެ. ދެން އަޅުގަނޑު މިބަލާލަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދަތުރުފުޅުތަކާއި ބައްދަލުވުންތަކަށް: ސިވިލް ސަރވިސް ކޮމިޝަންގެ ބައްދަލުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި މިއަދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިލް ސަރވިސް މުވައްޒަފުންނަށް ފުރިހަމައަށް ލިބިދޭކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފަހަގަކުރައްވާ، ނަމަވެސް ހަމަނުޖެހުމަށް ގޮވާލާ ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިނުވުމަށް، ސިވިލް ސަރވިސް ކޮމިޝަނުން ބާރުއެޅުއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ސިވިސް ސާރވިސް މުވައްޒަފުންނަށް ލިބިދޭ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ ހައްޤާއި އެފަދަ ފުރުސަތުތަކާއި ގުޅޭގޮތުން، ސިވިލް ސާރވިސްގެ ޒިންމާދާރު އިސްވެރިންނާއި އޮފީސްތަކުގެ ވެރިން ހޭލުންތެރިކުރުމަށް، ސިވިލް ސަރވިސް ކޮމިޝަނުން ޕްރޮގްރާމްތައް ހިންގަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ. ގއ. ވިލިނގިލީ ދަތުރުފުޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަންނަ ބުރާސްފަތި ދުވަހު ގއ. ވިލިނގިލިއަށް ވަޑައިގަންނަވާނެއެވެ. މިއީ ދެކުނުގެ 4 އަތޮޅު ހިމެނޭ ގޮތަށް ގއ. ވިލިނގިލީގައި ބާއްވާ "ދެކުނު މަހާސިންތާ" ހުޅުއްވައިދެއްވުމަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ވެސްމިންސްޓަރ ފައުންޑޭޝަން ދަތުރު ރައީސްގެ ދަތުރުފުޅުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލީހުގެ އިދާރާގެ ބައެއް އިސްވެރިން ހިމެނޭ ވަފުދެއް، އިގިރޭސިވިލާތުގެ ވޭލްސްއަށްވަނީ މިދިޔަ ހަފުތާއިގައި ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މީއީ އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓަރ ފައުންޑޭޝަނުން، ކުރިއަށް ގެންދިޔަ ދަތުރެކެވެ. މި ދަތުރުގައި ވޭލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭގޮތުން މަޢޫލޫމާތު ހޯދާފައިވެއެވެ. މީޑިއާގެ ކަންކަމުގައި ގުޅުއްވާނީ: އަލްފާޞިލް ޙަސަން ޒިޔާޢު / ޑިރެކްޓަރ / ރައްޔިތުންގެ މަޖިލީހުގެ އިދާރާ / ފޯނު: 3312107 / އީލެއިލް: [email protected] [email protected]
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA