މޫސުމީ ބަދަލުތަކާ ކުރިމަތިލެވޭ ގޮތަށް، ނޫ އިޤްތިޞާދު ބައްޓަންކޮށް އީޖާދީ ގޮތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގޮވާލައްވައިފި

24 އޮކްޓޯބަރު 2024 14:17


މޫސުމީ ބަދަލުތަކާ ކުރިމަތިލެވޭ ގޮތަށް، ނޫ އިޤްތިޞާދު ބައްޓަންކޮށް، އީޖާދީގޮތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޒިމް ގޮވާލައްވައިފިއެވެ.


ޗައިނާގެ ޝިންޑާއޯގައި ކުރިއަށްދާ، 2024 ވަނަ އަހަރުގެ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ތަޤްރީރުކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޒިމްވަނީ، ކަނޑުގެ ވެށި ކިލަނބުވިޔަ ނުދިނުމަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅުތައް އަޅައިދިނުމަށް ގޮވާލައްވަމުން، އެ ރޮނގުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ޙިއްސާކުރައްވާފައެވެ.


"ދިވެހިރާއްޖެއިން ވަނީ، ކަނޑުގެ 93 ސަރަޙައްދެއް ޙިމާޔަތްކޮށްފައި. އެތަންތަނަކީ، ގާތްގަނޑަކަށް 63 ހާސް ހެކްޓަރުގެ އޭރިއާއެއް. އަދި އިތުރަށްވެސް މިފަދަ ފިޔަވަޅުތައް އެޅުމަކީ މުޙިންމުކަމެއް." އޮނަރަބަލް ނާޒިމް ވިދާޅުވިއެވެ.


"މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި، ނޫ އިޤްތިޞާދުން މުޙިންމު ދައުރެއް އަދާކުރަންޖެހޭ." އޮނަރަބަލް ނާޒިމް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ބުލޫ ކާރބަން ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުމުގެ މުޙިންމުކަމަށް އަލިއަޅުއްވާލައްވަމުން، ނާޒިމް ވިދާޅުވީ މޫދުވިނައަކީ ކަނޑުގެ ވެށީގެ އަސާސީ ބައެއްކަމަށާއި، މޫދުވިނައިން ކާރބަން އެބްޒޯރބްކުރާ މިންވަރަކީ، ރެއިންފޮރެސްޓްތަކަށްވުރެން ހެކްޓަރަކަށް %40 އިތުރު ޢަދަދެއްކަމަށެވެ.


އޮނަރަބަލް އަޙްމަދު ނާޒިމް ވަނީ ކަނޑުގެ ވެށި ޙިމާޔަތްކުރުމުގައި ރާއްޖެއިން އަޅާފައިވާ ދެމެހެއްޓެނިވި ފިޔަވަޅުތަކުގެ މައްޗަށްވެސް ވާހަކަދައްކަވާފައެވެ.


މަސްމަހާމެއްސާއި ކަނޑުގެ ދިރުން ޙިމާޔަތްކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ މަސްވެރިކަމުގެ ސަޤާފަތެއްކަން ފާހަގަކުރައްވަމުން، އޮނަރަބަލް ނާޒިމްގެ ވާހަކަފުޅުގައި ރާއްޖޭގައި ދޮށީގެ މަސްވެރިކަންކުރާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށާއި، ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށާއި ކަނޑުގެ ދިރުން ޙިމާޔަތްކުރުމަށްޓަކައި ރާއްޖޭގެ ތަޖުރިބާއިން ޢިބްރަތް ލިބިގަތުމަށްވެސް އޮނަރަބަލް ނާޒިމް އެދިވަޑައިގަތެވެ.


އޮނަރަބަލް ނާޒިމް ވަނީ ކަނޑުން ހަކަތަ އުފެއްދުމާއި މެރިން ބަޔޯޓެކްނޮލޮޖީގެ ހޯދުންތައް އިތުރުކޮށް ފުޅާކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުޙިންމުކަމުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.


"ދިވެހިރާއްޖެއަކީ، ޢަމަލީގޮތުން ކަންކަންކޮށް ދައްކާ ޤައުމެއް. ފިޔަވަޅު އެޅުމަށް އަވަސްވެގަންނަމާ!" ދުނިޔޭގެ ކަނޑުގެ ސަރަޙައްދުގެ 30 އިންސައްތަ 2030 އާ ހަމައަށް ޙިމާޔަތްކުރުމަށް ގޮވާލައްވަމުން، އޮނަރަބަލް ނާޒިމް ވިދާޅުވިއެވެ.


ޝިންޑާއޯގައި އޮކްޓޫބަރުމަހުގެ 24 އިން 25 އަށް ކުރިއަށްދާ 2024 ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްއަކީ ނޫ އިޤްތިޞާދުގެ ރޮނގުން ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މަޤްޞަދުގައި ބާއްވާ ފޯރަމެކެވެ. ފޯރަމްގައި ސިޔާސަތު ކަނޑައަޅާ 400 އެއްހާ ފަރާތެއް ބައިވެރިވެވަޑައިގަންނައެވެ. 


ލިޔުން ޝެއަރ ކުރުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA