އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް މިހިނގާ ފެބްރުވަރީމަހުގެ 10 އިން 14 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ލޮކް ސަބާގެ ރައީސް އޯމް ބިރްލާގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަގާތް ގުޅުން ފާހަގަކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު 2019 ވަނަ އަހަރު ހެދިފައިވާ އެމް.އޯ.ޔޫ.ގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކާގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްޤީކުރުމަށް އިންޑިއާގެ ލޮކް ސަބާގެ އެހީތެރިކަމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި އަބަދުވެސް ލޮކް ސަބާއިން ރައްޔިތުންގެ މަޖިލީހަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.
ސްޕީކަރ އޯމް ބިރްލާ ވަނީ އިންޑިއާގެ ޑިޖިޓަލް ޕާލަމެންޓްރީ ކުރިއެރުންތަކާއި މީހުންތަމްރީން ކުރުމާއި ކުރިއެރުވުމުގައި ލޮކްސަބާ ގެ ޕާލަމެންޓްރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުވާލައްވާފަ އެވެ. އަދި ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ކަށަވަރުކޮށްދެއްވިއެވެ.
އަދި މިދަތުރުފުޅުގެ ސަބަބުން ދެމަޖިލީހުގެ ދެމެދުގައި އޮތްގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މި ބައްދަލުކުރެއްވުމުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ އަށް ދިވެހިރާއްޖެއަށް ޒިޔާރަތެއްކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމަނިކުފާނުގެ އަރިހުގައި އިންޑިއަށް ވަޑައިގެން އުޅުއްވާ ވަފުދުގެ ޝަރަފުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ މިއަދު ވަނީ މެންދުރުގެ ފަރިއްކޮޅެއްވެސް ދެއްވާފައެވެ. އަދި އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދާގޮތް ދިވެހިވަފުދުން ވަނީ ބައްލަވާލައްވާފެއެވެ. މީގެ އިތުން އިންޑިއާގެ ޤާނުނުހަދާ މަޖިލީހުގެ މުހިއްމުއެކި ތަންތަން ދިވެހި ވަފުދުން ޒިޔާރަތްކުރައްވާ އެތަންތަނުގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހޯއްދެވިއެވެ. މިއަދު ދިވެހި ވަފުދުން ރާޖްގާތަށް ވެސް ޒިޔާރަތްކުރެއްވިއެވެ.