ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް، އަދި ރާޖްޔާ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.
ރާޖްޔާ ސަބާގެ ޗެއަރމަންގެ ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިރާއްޖެއިން އެހީއަށްއެދޭ ކޮންމެވަގުތެއްގައިވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވްސް – އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި ދިވެހި ވަފުދުގެ ހުރިހާ މެންބަރުންނަށްވެސް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. އަދި ދެގައުމުގެ ދެމެދުގައިވާ މިއެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިބައްދަލު ކުރެއްވުމުގައި ރާޖްޔާ ސަބާގެ ޗެއަރމަން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ދަޢުވަތު މަޖިލީހުގެ ރައީސް ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި މިއަދު ހުމާޔުން ޓޫމްބަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މާދަމާ ދިވެހިވަފުދުގެ ބޭފުޅުން ތާޖް މަހަލް ބައްލަވައިލެއްވުމަށް އާގަރާއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިވަފުދުގެ ބޭފުޅުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 14 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުއެވެ.