ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

10 މޭ 2025 22:31

ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.


ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ މަންދޫބުގެ ހައިސިއްޔަތުން މަޖިލީހުގެ ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން އޮންނާނީ މި މަހު 12-13 އަށް އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.


މިފަހަރު މި ބޭއްވޭ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކީ ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު މި އަހަރުތެރޭގައި ބަދަލުވާތީ އެކަމާގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.


1911 ވަނަ އަހަރު އުފެދުނު ސީޕީއޭ މިހާތަނަށް ހިންގަމުންގެންގޮސްފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެއްގެ ގޮތުގައެވެ. ނަމަވެސް، 18 ޑިސެންބަރު 2024 ގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، މި އަހަރު ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ޝާހީ ރުހުންދެއްވި ޤާނޫނަކުން، ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު ބައިނަލްއަޤްވާމީ ޖަމާޢަތަކަށްވަނީ ބަދަލުކޮށްފައެވެ. އަދި، މި ހައިސިއްޔަތުން ޤާނޫނީ ބާރު ލިބިދޭ އިތުރު ޤާނޫނެއް މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. މި ޤާނޫނު ފާސްކުރެއްވުމަށް ސީޕީއޭގެ ސެކްރެޓޭރިއެޓަށް އދ.ގެ ޢާންމު މަޖިލިސް އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޙަރަކާތުގެ ބައިވެރިވުމުގެ ހައިސިއްޔަތު ލިބިގެންދާނެއެވެ.


މަޖިލީހުގެ ނައިބު ރައީސްގެ މި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ ރައީސްއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 


ލިޔުން ޝެއަރ ކުރުމަށް

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA