9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ތަޤްރީރު ކުރައްވައިފި

19 ޖޫން 2025 20:57

9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޙަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް، ތަޤްރީރު ކުރައްވައިފިއެވެ. 


"އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްޤީއަށް" މި ޝިއާރުގެ ދަށުން މިއަހަރު ބާއްވާ އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ކުންމިންގ ސިޓީގައި 21 ޖޫން 2025 އާ ހަމައަށެވެ.


މި އެކްސްޕޯގެ އިފްތިތާހީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވާހަކަފުޅު ދައްކަވައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު ކަމަށެވެ.


އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އިޤްތިޞާދީ ގުޅުން ފާހަގަކުރައްވައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކާމިޔާބުކަން ފާހަގަ ކުރައްވައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ޤާއިމުކުރުމުގައި ޗައިނާގެ އެހީތެރިކަމަށް ޚާއްޞަ ގޮތެއްގައި އަލިއަޅުއްވައި ލެއްވިއެވެ. 


މީގެ އިތުރުން، އޮނަރަބަލް އަޙްމަދު ނާޡިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި އެރޮނގުން ކުރިއަށް ގެންދަވާ ސިޔާސަތުތަކަށްވެސް އަލިއަޅުއްވައި ލައްވާފައެވެ. 


އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއި ހިނގަމުންދާ ހަނގުރާމަފަދަ ކަންކަމުން ރާއްޖެފަދަ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރުތަކަށްވެސް އިޝާރާތް ކުރެއްވިއެވެ. އަދި އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދިއުމަށްޓަކައި، ޤައުމުތަކުން ސިޔާސަތުތައް ވިލަރެސްކޮށް، އިޤްތިޞާދީ ގުޅުންތައް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށް ޚިޔާލުތަކެއްވެސް ހުށަހެޅުއްވިއެވެ. 


މި އެކްސްޕޯގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެކްސްޕޯގައި ބައިވެރިވި ދިވެހިންގެ ސްޓޯލްތަކަށް ދިވެހި ވަފުދުގެ ބޭފުޅުން ޒިޔާރަތްކުރައްވާ އެ ސްޓޯލްތަކުގައި ތިއްބެވި ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ތަޖުރިބާއާއި ހުރި ގޮންޖެހުންތަކުގެ ވާހަކަ އަޑުއެއްސެވިއެވެ.


ލިޔުން ޝެއަރ ކުރުމަށް

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA