ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވައިލީ 1930ގެ އަހަރުތަކުގައި އޮތް ސިޔާސީ އަދި އިޤުތިޞާދީ މާޙައުލުގެ ތެރެއިންނެވެ. އެދުވަސްވަރު ދިވެހިރާއްޖެއަކީ، އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި އޮތް ދައުލަތެކެވެ. އޭރު ރަސްކަމުގައި ހުންނެވީ އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން (3) އެވެ. ޝާހީ ޢާއިލާގެ އެތެރޭގެ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި، ދައުލަތް ހިންގުމުގެ ބޯދާ އުސޫލުތަކުގެ ސަބަބުން އޭރުގެ ޢިލްމުވެރި ޒުވާން ޖީލުގެ ފިއްތުންތައް ރަދުންނަށް ކުރިމަތިކުރުވަމުންވެސް ދިޔައެވެ.
އޭރުގެ ގިނަ އިއްޒަތްތެރިންނަކީ، އިންޑިޔާ، ސްރީލަންކާ އަދި މިޞްރު ފަދަ ޤައުމުތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުންނެވެ. އެބޭފުޅުން މަސައްކަތްކުރެއްވީ ދައުލަތް ހިންގުން ހަރުދަނާކޮށް، ޒަމާނަށް ފެތޭގޮތަށް ބަދަލުކުރެއްވުމަށެވެ. މިދެންނެވުނު ބޭފުޅުންނަށް އިތުރު ބާރެއް ލިބިލެއްވީ، އިނގިރޭސިވިލާތުގެ އެއްބާރުލުން ލިބުމުންނެވެ.
ނަތީޖާއެއްގެ ގޮތުން، 19 މާރިޗު 1931 ގައި ފުރަތަމަ ޤާނޫނުއަސާސީއެއް އެކުލަވައިލުމަށް ޓަކައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3)، 12 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވައިލެއްވިއެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން(3)، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމާއެކު ދިވެހިރާއްޖޭގައި ދުސްތޫރީ ވެރިކަމެއް ފެށުނެވެ. ހަމަ އެއާއެކު އެ ޤާނޫނުއަސާސީ ވެގެންދިޔައީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ހައްގުތަކާއި، ހަމަހަމަކަމާއި، އިންސާފުވެރިކަން ގާއިމުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅަކަށެވެ. އަދި އެ ޤާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމަށް 3 މަޖިލީހެއް އެކުލަވައިލެވުނެވެ. އެއީ، ވަޒީރުންގެ މަޖިލިސް، ގާނޫނުހަދާ މަޖިލިސް އަދި ރައްޔިތުންގެ މަޖިލީހެވެ. އެގޮތުން އެކުލަވައިލެވުނު ރައްޔިތުންގެ މަޖިލީހުގައި 42 މެންބަރުން ތިއްބެވިއިރު، ގާނޫނުހަދާ މަޖިލިސް އެކުލެވިގެންވީ 28 މެންބަރުންގެ މައްޗަށެވެ.
ފުރަތަމަ ޤާނޫނުއަސާސީއަށް ގެނައި ފުރަތަމަ އިޞްލާޙު، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ތަސްދީގުކުރެއްވިއެވެ. އެއާއެކު ގާނޫނުހަދާ މަޖިލީހަކީ ރައްޔިތުންގެ މަޖިލިސް ކަމުގައި ވެގެންދިޔައެވެ. އަދި އެ އިޞްލާޙާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 42 އިން 33 އަށް ބަދަލުވިއެވެ. އެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ރަދުން އައްޔަނުކުރެއްވި 6 މެންބަރުންނާއި، ފުރަމާލޭގެ 4 އަވަށުގެ މީހުން އިންތިޚާބުކުރި 8 މެންބަރުންނާއި، ތިލަދުންމަތިން އިންތިޚާބުކުރި 2 މެންބަރުންނާއި، ހުވަދޫ އަތޮޅުގެ ރައްޔިތުން އިންތިޚާބުކުރި 2 މެންބަރުންނާއި، 14 އަތޮޅުން ކުރެ ކޮންމެ އަތޮޅަކުން އިންތިޚާބުކުރި މެންބަރަކާއި، އަދި ފުވައްމުލަކުން އިންތިޚާބުކުރި މެންބަރެކެވެ.
ފުރަތަމަ ޤާނޫނުއަސާސީއަށް ގެނައި ދެވަނަ އިޞްލާޙު، އައްސުލްޠާން ޙަސަން ނޫރައްދީން ތަސްދީގުކުރެއްވިއެވެ.
އޭރުގެ ހާލަތާ ޤާނޫނުއަސާސީ އެކަށީގެންނުވާ ކަމަށް ނިންމައި، ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އުވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ.
17 މާއްދާގެ މައްޗަށް އެކުލެވޭ ޤާނޫނުއަސާސީއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ.
އެ ޤާނޫނުއަސާސީގައި ހުރިހާ ބާރުތަކެއް ދީފައިވަނީ، ރަދުންނަށާއި، ވަޒީރުލްއަޢުޡަމަށާއި، ވަޒީރުއްދާޚިލިއްޔާއަށާއި، އަދި ރައްޔިތުންގެ މަޖިލީހަށެވެ.
ރަދުން އައްސުލްޠާން ޙަސަން ނޫރައްދީން 2 ރަސްކަމުން އިސްތިއުފާދެއްވިއެވެ. އަދި ބޮޑުވަޒީރު، އަލްއަމީރު މުޙަންމަދު ފަރީދުދީދީ ވެސް މަގާމުން އިސްތިއުފާދެއްވިއެވެ. ދިވެހި ދައުލަތުގެ ވަލިއްޔުލްއަމުރުކަމަށް އެކަށީގެންވާ ބޭފުޅަކު މަގާމާ ހަވާލުވުވާ ހަމައަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން "ވަލީ ކޮމިޓީ" އެއް އިންތިޚާބުކުރެވުނެވެ.
ޤާނޫނުއަސާސީއަށް އިޞްލާޙުތަކެއް ގެނެވި، ވަލީ ކޮމިޓީގެ ރައީސް މުޙަންމަދު އަމީންދީދީއާއި ވަލީ ކޮމިޓީގެ މެންބަރު ޢަބްދުﷲ ފަހުމީދީދީ އެ ޤާނޫނުއަސާސީ ތަސްދީގުކުރެއްވިއެވެ.
ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރި ވެރިކަމެއްތޯ ބެލުމަށް ނެގުނު ވޯޓުގެ ނަތީޖާ ޢިއުލާންކުރެވުނެވެ. މި ވޯޓުގެ ނަތީޖާއަކީ، ރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރީ ވެރިކަމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވައި، އަލްއަމީރު މުޙަންމަދު އަމީންދީދީ ކުރެއްވިއެވެ. އަދި ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ދިވެހި ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރުމަށް އެކުލަވައިލެވުނު ޤާނޫނުއަސާސީ ތަސްދީގުކުރެއްވިއެވެ.
އެ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް އެކުލަވައިލެވުނީ ސެނެޓަކާއި ރައްޔިތުންގެ ގެއެއް ހިމެނޭ ގޮތުން، ދެ ގެއެއްގެ މައްޗަށެވެ. ސެނެޓުގައި ހިމެނުނީ 18 މެންބަރުންނެވެ. އަދި ރައްޔިތުންގެ ގޭގައި ހިމެނުނީ 47 މެންބަރުންނެވެ. ސެނެޓުގައި ހިމެނޭ 18 މެންބަރުންގެ ތެރެއިން 9 މެންބަރުން އައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ބާކީ 9 މެންބަރުން އިންތިޚާބުކުރެވުނީ ރައްޔިތުންގެ ގެއިންނެވެ.
ރައްޔިތުންގެ ގޭގެ 47 މެންބަރުން ބެހިފައިވަނީ، މާލޭގެ 4 އަވަށުގެ ތެރެއިން ކޮންމެ އަވަށަކުން އިންތިޚާބުކުރި 2 މެންބަރުންނާއި، ތިލަދުންމަތިން އިންތިޚާބުކުރި 2 މެންބަރުންނާއި، ހުވަދޫ އަތޮޅުން އިންތިޚާބުކުރި 4 މެންބަރުންނާއި، ބާކީ އޮތް 14 އަތޮޅުންކުރެ ކޮންމެ އަތޮޅަކުން އިންތިޚާބުކުރި 2 މެންބަރުންނާއި، ފުވައްމުލަކުން އިންތިޚާބުކުރި 2 މެންބަރުންނާއި އަދި ވިޔަފާރިވެރިން އިންތިޚާބުކުރި މެންބަރެއްގެ މައްޗަށެވެ.
ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުން ހިމެނުނީ 1953 ގައިކަން ފާހަގަކުރެވެއެވެ. އެގޮތުން ސެނެޓްގައި 4 އަންހެން މެންބަރުން ތިއްބެވިއިރު، ސެނެޓްގެ ރައީސަކަށް އިންނެވީ، ފާޠިމަތު އިބްރާހީމްދީދީއެވެ. މީގެއިތުރުން ރައްޔިތުންގެ ގޭގައި 10 އަންހެން މެންބަރުން ހިމެނުނެވެ.
ފުރަތަމަ ޖުމްހޫރިއްޔާއަށް 1 އަހަރު ނުވަނީސް ގެނެވުނު އިންގިލާބަކާ ގުޅިގެން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވައިލެވުނެވެ
ފުރަތަމަ ޖުމްހޫރިއްޔާގައި އެކުލަވައިލެވުނު ޤާނޫނީއަސާސީ އުވާލައި، ރާއްޖޭގައި ރަސްކަމެއް ގާއިމުކުރުމުގެ ގޮތުން، އާ ޤާނޫނުއަސާސީއެއް ފާސްކުރެވުނެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްތޯ ބެލުމަށް 5 ފެބްރުވަރީ 1954 ގައި މާލޭގައި ވޯޓެއް ނެގުނެވެ.
އަލްއަމީރު މުޙައްމަދު ފަރީދުދީދީ ރާއްޖޭގެ ރަސްކަމަށް އިސްކުރެއްވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އިންތިޚާބުކުރެއްވުމާ އެކު، ރަސްކަމަށް އިސްކުރެވުނެވެ. އެއާއެކު 1 ޖަނަވަރީ 1953 ގައި ތަސްދީގުކުރެވުނު ޤާނޫނުއަސާސީން އުފެއްދި ރައްޔިތުންގެ މަޖިލީހުގެ 2 ގެ އަނެއްކާވެސް އެއް ގެއަށް ބަދަލުކުރެވުނެވެ. އަދި އެގޮތުން އަލުން އެކުލަވައިލެވުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ، 54 ކަމަށް ކަނޑައެޅުނެވެ. އެއީ ރަދުން އައްޔަންކުރައްވާ 6 މެންބަރުންނާއި، މާލެއިން އިންތިޚާބުކުރާ 8 މެންބަރުންނާއި، ތިލަދުންމަތިން އިންތިޚާބުކުރާ 4 މެންބަރުންނާއި، ހުވަދޫ އަތޮޅުން އިންތިޚާބުކުރާ 4 މެންބަރުންނާއި، ބާކީ އޮތް 14 އަތޮޅުން ކުރެ ކޮންމެ އަތޮޅަކުން އިންތިޚާބުކުރާ 2 މެންބަރުންނާއި، ފުވައްމުލަކުން އިންތިޚާބުކުރާ 2 މެންބަރުންނާއި އަދި ވިޔަފާރިވެރިން އިންތިޚާބުކުރާ 2 މެންބަރުންނެވެ.
މާރިޗު 1954 ގައި ތަސްދީގުކުރެވުނު ޤާނޫނުއަސާސީއަށް 4 ޖޫން 1964ގައި ގެނެވުނު އިޞްލާޙާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 56 އަށް އިތުރުކުރެވުނެވެ. އަދި، ރަދުން އައްޔަންކުރައްވާ މެންބަރުން 6އިން 8 އަށް އިތުރުކުރެވުނެވެ. އެއާއެކު މަޖިލީހުގައި ތިއްބެވީ، ރަދުން އައްޔަންކުރައްވާ 8 މެންބަރުންނާއި، މާލޭން އިންތިޚާބުކުރާ 8 މެންބަރުންނާއި، 19 އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން އިންތިޚާބުކުރާ 2 މެންބަރުންނާއި އަދި ވިޔަފާރިވެރިން އިންތިޚާބުކުރާ 2 މެންބަރުންނެވެ.
ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކާ އެކީ، 21 އަހަރުން މަތީގެ އަންހެނުންނަށް ވޯޓުދިނުމުގެ ހައްގު ލިބުނެވެ.
އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމާއެކު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވައި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ އޭރުގެ ބޮޑުވަޒީރު، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނެވެ.
ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުނެވެ. އެ ވޯޓުގެ އަޣުލަބިއްޔަތުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުކުރަން ނިންމެވިއެވެ.
ދިވެހިރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ސުމުއްވުލްއަމީރު އިބްރާހީމް ނާޞީރު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމުގެ ހުވައި ކުރެއްވިއެވެ. އަދި ހަމައެއާއެކު، އެކުލަވައިލެވުނު ޤާނޫނުއަސާސީއާ އެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 54 އަށް ބަދަލުވިއެވެ.
ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙަކާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 54 އިން 48 އަށް މަދުކުރެވުނެވެ. އެ ބަދަލާއެކު މާލޭން އިންތިޚާބުކުރާ މެންބަރުންގެ އަދަދު 8 އިން 2 އަށް މަދުކުރެވުނެވެ. އެއާއެކު މަޖިލީހުގައި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 8 މެންބަރުންނާއި، މާލޭން އިންތިޚާބުކުރާ 2 މެންބަރުންނާއި، 19 އަތޮޅުން ކުރެ ކޮންމެ އަތޮޅަކުން އިންތިޚާބުކުރާ 2 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ބިލެއް ފާސްކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 29 ނޮވެންބަރު 1980ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް އެކުލަވައިލައްވައި، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް މި ޚާއްޞަ މަޖިލީހާ ހަވާލުކުރެއްވިއެވެ. އިޞްލާޙުކުރެވިފައިވާ ޤާނޫނުއަސާސީ، ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް ނިންމައި، ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމުން ތަސްދީގުކުރެއްވީ 27 ނޮވެންބަރު 1997ގައެވެ. މިދެންނެވުނު އިޞްލާޙުކުރެވިފައިވާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނީ، 1 ޖަނަވަރީ 1998ގައެވެ. އެ ޤާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަގާމު އުފެދުނެވެ. އެ މަގާމު އެންމެ ފުރަތަމަ ފުރުއްވީ، އަލްއުސްތާޛު މުޙަންމަދު ނަޝީދެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 50 އަށް އިތުރުކުރެވުނެވެ. އެ ބަދަލު އައިސްފައިވަނީ އަރި އަތޮޅު ދެބައިކުރައްވައި، އަރި އަތޮޅު އުތުރުބުރިއާއި އަރި އަތޮޅު ދެކުނުބުރި އުފެއްދުމާ އެކު، ރާއްޖޭގެ އަތޮޅުތަކުގެ އަދަދު 19އިން 20 އަށް އިތުރުވުމާ ގުޅިގެންނެވެ. އެ 50 މެންބަރުން ހިމެނުނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 8 މެންބަރުންނާއި، މާލޭން އިންތިޚާބުކުރާ 2 މެންބަރުންނާއި އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުން އިންތިޚާބުކުރާ 2 މެންބަރުންގެ މައްޗަށެވެ.
ޒަމާނީ ފުރިހަމަ ޑިމޮކްރަސީއެއްގައި ކަންތައްތައް ކުރެވޭ ގޮތަށާއި، ބައިނަލްއަޤުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ފެތޭ ގޮތަށް ސިޔާސީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އިޞްލާޙީ އެޖެންޑާއެއް އިޢުލާނުކުރެއްވިއެވެ.
ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް އެކުލަވައިލައި، އެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ފާސްކުރެއްވިއެވެ.
ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަރުޙަލާގައި ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ޓަކައި ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް ނެގުނެވެ. އެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ކަނޑައެޅުއްވީ، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައެވެ.
ޚާއްޞަ މަޖިލީހުން އެކުލަވައިލި ޤާނޫނުއަސާސީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތަސްދީގުކުރެއްވިއެވެ. އެ ޤާނޫނުއަސާސީއަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް މުޅިން އާ އަސާސީ ހައްގުތަކަކާއި މިނިވަންކަމެއް ކަށަވަރުކޮށްދީފައިވާ ޤާނޫނުއަސާސީއެކެވެ. އެގޮތުން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ތެރޭގައި، މަދަނީ، ސިޔާސީ، އިޤުތިޞާދީ، އަދި އިޖުތިމާޢީ ހައްގުތައް ހިމެނެއެވެ. އެ ޤާނޫނުއަސާސީ ބިނާވެފައިވަނީ ދައުލަތުގެ ބާރުތައް ވަކިކުރުމާ އެކު، މިނިވަން ޝަރުޢީ ނިޒާމެއް ގާއިމުކޮށް، ހާމަކަން ބޮޑުކަމާ އެކު އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީކުރުވޭނެ ނިޒާމެއްގެ މައްޗަށެވެ. މީގެއިތުރުން ސިޔާސީ ޕާޓީތައް އުފައްދައި، ހިންގައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެ ޤާނޫނުއަސާސީން ލިބިދީފައިވެއެވެ.
ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭ މުހިންމު އަސާސެއް ގާއިމުކޮށްފައިވެއެވެ. އެގޮތުން، ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5000 އަށްވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިންތިޚާބުކުރެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އެ ބަދަލާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 9 މޭ 2009 ގައި ބާއްވައި، 28 މޭ 2009 ގައި 77 މެންބަރުންނާ އެކު އާ ރައްޔިތުންގެ މަޖިލީހެއް އެކުލަވައިލެވުނެވެ.
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA