ރައްޔިތުންގެ މަޖިލީހުގެ ތަޢާރުފު

ދިވެހިރާއްޖޭގެ ޤާނޫނުއަސީސީން ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންގެ މައްޗަށެވެ.

ލޯގޯ

ރައްޔިތުންގެ މަޖިލީހުގެ ލޯގޯއަކީ، ރައްޔިތުންގެ މަޖިލީހުގެ ރަމްޒެވެ.

ލޯގޯގައިވާ 3 ތަރި ރަމްޒުކޮށްދެނީ ދައުލަތުގެ 3 ބާރު:

  • ގާނޫނުހެދުމުގެ ބާރު
  • ވެރިކަން ހިންގުމުގެ ބާރު
  • ޢަދުލުއިންޞާފު ގާއިމުކުރުމުގެ ބާރު

ހަނދުފަޅި ރަމްޒުކޮށްދެނީ އިސްލާމީ ޢަޤީދާއެވެ.

އަރަބި ބަހުން ލިޔެފައިވާ މަޖިލީހުގެ މޮޓޯއަކީ، "وَأَمْرُهُمْ شُورَىٰ بَيْنَهُمْ"( سورةالشّورى ގެ 38 ވަނަ އާޔަތް ) މާނައަކީ،" އަދި އެއުރެންގެ ކަންތައްތައް އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ."

ރައްޔިތުންގެ މަޖިލީހުގެ ދިދަ

ރައްޔިތުންގެ މަޖިލީހުގެ ދިދަ އެކުލެވިގެންވަނީ ފެހި، ނޫ އަދި ހުދު ކުލައިގެ މައްޗަށެވެ.

ދައުލަތުގެ 3 ބާރު

ވެރިކަން ހިންގުމުގެ ބާރު

ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް

ގާނޫނުހެދުމުގެ ބާރު

ދިވެހިރާއްޖޭގެ ގާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް

ޢަދުލުއިންޞާފު ގާއިމުކުރުމުގެ ބާރު

ޢަދުލުއިންޞާފު ގާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް

ޤާނޫނުއަސާސީގެ ސިޔާދަތު

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާނީ ޤާނޫނުއަސާސީގެ ޙުދޫދުގެ ތެރެއިންނެވެ

ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް

  1. ގާނޫނު ހެދުމާއި ގާނޫނަށް ބަދަލުގެނައުން، ގާނޫނު ބާޠިލުކުރުން.
  2. ޤާނޫނުއަސާސީ އިޞްލާޙުކުރުން.
  3. ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން.
  4. ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުން.
  5. ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން.
  6. މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކާ ބެހޭ ގޮތުން ނިންމަންޖެހޭ ކަންތައްތައް ގާނޫނުގައިވާ ގޮތުގެމަތީން ނިންމުން.

ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑު

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ އާންމު ވޯޓަކުން ރައްޔިތުން އިންތިޚާބުކުރާ މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދު ކަނޑައެޅިގެންދާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާގެ އާބާދީގެ މައްޗަށް ބިނާކޮށެވެ. ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ދިވެހިރާއްޖެ ބެހިގެންވަނީ 21 އިދާރީ ދާއިރާއަށެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކުން ދެ މެންބަރުން އިންތިޚާބުކުރެވޭނެއެވެ. މީގެއިތުރުން އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސް ހާހަށްވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ ފަސް ހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސް ހާސް މީހަކަށް މެންބަރެއް އިންތިޚާބުކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތު

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައި ވުމާ އެކު، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 އަހަރު ފުރިފައިވުން.
  5. ބުއްދި ހަމަޔަށް ހުރި މީހަކު ކަމުގައިވުން.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިނުލެވޭނެ ހާލަތު

  1. އަދާކުރަންޖެހޭ ސާބިތު ދަރަޏެއް އޮވެ ހުކުމާ އެއްގޮތަށް އަދާކުރަމުންނުދާ މީހުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވަނީ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި މަޖިލީހުގެ މަސައްކަތްތައް އެޖެންޑާކޮށް، މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ނިންމުންތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ޒިންމާ އުފުލާ ފަރާތެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކީ، މަޖިލީހުގެ ރައީސްގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި އެހީތެރިވެދީ، އަދި މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި ރައީސްގެ ޒިންމާތަކާ ހަވާލުވާ ފަރާތެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަކީ، އެކިއެކި ދާއިރާތަކަށާއި މައުޟޫޢުތަކަށް ޚާއްޞަކުރެވިގެން، ކޮމިޓީއަކުން ދިރާސާކުރަން ހުށަހެޅޭ ކަންކަން ދިރާސާކޮށް، ކޮމިޓީއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާ އޮތް މަޖިލީހުގެ ގުނަންތަކެވެ. މަޖިލީހުގެ ރައީސް ފިޔަވައި މަޖިލީހުގެ ކޮންމެ މެންބަރެއް ވެސް މަޖިލީހުގެ ކޮންމެވެސް އެއް ކޮމިޓީއެއްގެ މަސައްކަތުގައި ބައިވެރިވާންޖެހޭނެއެވެ.

މަޖިލީހުގެ ކޮމިޓީތައް ބެހިގެންވަނީ ދެ ބަޔަށެވެ. އެއީ ދާއިމީ ކޮމިޓީއާއި ވަގުތީ ކޮމިޓީއެވެ.

ދާއިމީ ކޮމިޓީ

ދާއިމީ ކޮމިޓީއަކީ، އެ ކޮމިޓީއެއް އުފެއްދުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކޮމިޓީތަކެވެ. ދާއިމީ ކޮމިޓީތަކުގައި ހިމެނެނީ، މަޖިލީހުގެ ދާއިރާގެ ކޮމިޓީތަކާއި، ދައުލަތުގެ އިދާރާތަކާ ގުޅޭ ކޮމިޓީތަކެވެ. މިވަގުތު މަޖިލީހުގައި 19 ދާއިމީ ކޮމިޓީ ވެއެވެ.

ދާއިމީ ކޮމިޓީއަކަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، 2 ކޮމިޓީ ނުވަތަ 2 ކޮމިޓީއަށް ވުރެ އިތުރު ކޮމިޓީ އެކުގައި މަސައްކަތްކުރަން ނިންމައި، ޖޮއިންޓް ކޮމިޓީއެއްގެ ގޮތުގައިވެސް މަސައްކަތްކުރެވެއެވެ.

ބަޖެޓު ކޮމިޓީއަކީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ކަމަށްވާ އިޤުތިޞާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ ގުޅިގެން އުފައްދާ ކޮމިޓީއެކެވެ. މި ކޮމިޓީގެ ޒިންމާއަކީ ކުރިއަށް އޮތް އަހަރަށް ލަފާކުރެވޭ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްކުރުމެވެ.

ވަގުތީ ކޮމިޓ

މަޖިލީހަށް ހުށަހެޅޭ ކަންކަމުގެ ތެރެއިން ވަކި ކަމަކާ ގުޅިގެން މަސައްކަތްކުރުމަށް މެންބަރުންގެ ވޯޓުން ފާސްކޮށްގެން ވަގުތީ ކޮމިޓީއެއް އުފެއްދިދާނެއެވެ. ވަގުތީ ކޮމިޓީތަކުން ކުރަން ހަމަޖެހިފައިވާ މަސައްކަތް ނިމުމުން އެ ކޮމިޓީއެއް އުވޭނެއެވެ.

މަޖިލީހުން އެދޭ ނަމަ މުޅި މަޖިލިސް އެކުގައި (ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކު) ކޮމިޓީއަކަށް ބަދަލުވެގެން މަސައްކަތްކުރުމަށް ކަނޑައެޅިދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަދި މަޖިލީހުގެ މެންބަރުންނަށް ޤާނޫނުއަސާސީއާއި ގާނޫނުތަކުން ލާޒިމުކުރާ ހުރިހާ މަސައްކަތްތަކެއް ކުރުމުގައި އެހީތެރިވެދީ، އިދާރީ ހުރިހާ މަސައްކަތެއް ކުރާ ތަނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެންމެ އިސް ފަރާތަކީ، އަމީންޢާންމެވެ. އަމީންޢާންމަކީ، މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރުންގެ މަސައްކަތުގައި އެހީތެރިވެދީ، އިދާރީ ހިންގުމާ ބެހޭ ހުރިހާ ކަމެއް ބަލަހައްޓާ އިސް ފަރާތެވެ.

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA