އައްސުލްތާން މުޙަންމަދު ޝަމްސުއްދީން އިސްކަންދަރު (3)، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ، 22 ޑިސެންބަރު 1932ގައި ތަސްދީގުކުރެއްވުމާ ވިދިގެން ދެ މަޖިލީހެއް އުފެދުނެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި ގާނޫނުހަދާ މަޖިލީހެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފުރަތަމަ ދެ އަހަރެއްހާ ދުވަހު ހަކުރާ ގަނޑުވަރުގައި ބޭއްވިފައިވެއެވެ. ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވަނީ މުލިއާގޭ ފެންޑާގައެވެ.
ހަކުރާ ގަނޑުވަރުގައި 2 އަހަރަކު ޖަލްސާތައް ބޭއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެކި ފަހަރު މަތީން އެކި އިމާރާތުގައި ބޭއްވިފައިވެއެވެ. އެގޮތުން، އިބްރާހީމިއްޔާ ކިޔާ އިމާރާތުގެ މަތީ ބުރީގައި ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވުނެވެ. މި އިމާރާތް ހުރީ މިހާރުގެ ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައެވެ.
އިބްރާހީމިއްޔާއަކީ، ހެންވޭރުގޭ އަޙްމަދު ކާމިލު، ވަޒީރުއްދާޚިލިއްޔާގެ މަގާމުގައި ހުންނަވައިގެން ބިންގާއަޅުއްވައި އިމާރާތްކުރެއްވި ތަނެކެވެ. އެ ތަން ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުންކޮށްފައިވަނީ ރާއްޖެއަށް ލަނގުވާ ބޭރުގެ ހަނގުރާމަމަތީ ސިފައިން ބައިތިއްބާ އަދި މަތިންދާބޯޓަށް އަޅާ ތެޔޮ ރައްކާކުރާ ތަނެއްގެ ގޮތުގައެވެ. އެ ދުވަސްވަރު އެ ތަނަށް "މަތިންދާބޯޓުގެ" ކިޔުނެވެ. ހަނގުރާމަ ނިމުމަށްފަހު ދުވަސްތަކެއް ވަކި ކަމެއް އެތަނުގައި ނުކޮށް އެ އިމާރާތް ފަޅަށް ހުރުމަށްފަހު، އިބްރާހީމިއްޔާއަކީ ރައްޔިތުންގެ މަޖިލިސްކުރާ އިމާރާތް ކަމުގައި ހަމަޖެހުނެވެ. އޭރު މަޖިލީހުގެ ރައީސަކީ، އަންނަބީލް އިބްރާހީމް ފަރީދެވެ.
1952 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުނީ، ދާރުލްޢުލޫމް ނަމަކަށް ކިޔާ އިމާރާތެއްގައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1953ގައި އިޢުލާންކުރެވުނީ ދާރުލްޢުލޫމުގައި ބޭވުނު މަޖިލީހުގެ ޖަލްސާއެއްގައެވެ.
އެ އިމާރާތް ބިނާކޮށްފައިވާ ބިމަކީ، ކުޑަ ރަންނަބަނޑޭރިކިލެގެފާނުގެ އަމިއްލަފުޅު ބިމާއި، އަތިރީގޭ ޢަލީ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ބިމާއި، އަދިވެސް ބައެއް ފަރާތްތަކުގެ އަމިއްލަ ބިން އެކުލެވިފައިވާ ސަރަހައްދެކެވެ.
މި އިމާރާތަކީ މިހާރުގެ މަޖީދިއްޔާ ސްކޫލް ހޯލެވެ. އަދި މިއީ، ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖުން ހިމާޔަތްކޮށްފައިވާ އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދާރުލްޢުލޫމުގައި ބޭއްވުމަށްފަހު، ދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިޔައީ ބޮޑު އިސްޓޯރާ އިންވެގެން އިރަށް އޮތް ގޯޅީގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތުގައެވެ. މި ތަން އިމާރާތްކުރެވުނީ ވުޒާރާތުލް އަޝްޣާލުގެ ބެލުމުގެ ދަށުންނެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ފުރަތަމަ ޖުމްހޫރިއްޔާ ހުވައިކުރުމުގެ ރަސްމިއްޔާތަށް މާލޭގެ ހާބަރު ސަރަހައްދު ރިވެތިކުރުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ފަހު ދުވަސްވަރާއި، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސަތުގެ ފުރަތަމަ 20 އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ނާދީއްތަމައްދުންގެ އިމާރާތުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހިންގުމުގެ އިތުރުން، ޤައުމީ ކުތުބުޚާނާ ވެސް ފުރަތަމަ ހުޅުވުނީ، މި އިމާރާތުގައެވެ. މިއީ ޤައުމީ ކުތުބުޚާނާގެ ފެށުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާއި މަސައްކަތްތައް އިތުރުވުމާ ގުޅިގެން، އިތުރު ޖާގައެއްގެ ބޭނުންޖެހިފައިވުމުން، ނާދީގެ ހުޅަގަށް އޮތް ބިމުގައި 2 ބުރީގެ އިމާރާތެއް ހަދައި، މި އިމާރާތް ހުޅުވައިދެއްވީ މިކަމަށް 22 ސެޕްޓެންބަރު 1988 ގައި ބޭއްވުނު ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ޢަބްދުﷲ ޙަމީދެވެ.
1998 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ އިމާރާތެއް މަޖިލީހަށް ލިބިފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލިސްކުރާ ގެއެއް ހުރުމުގެ މުހިންމުކަމާއި، އަދި އެ އިމާރާތަކީ ޤައުމުގެ އެންމެ ޤަދަރުހުރި، އެންމެ ހައިބަތުހުރި އިމާރާތްތަކުގެ ތެރެއިން އިމާރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް ދެކެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތެއްގެ ބިންގާ އަޅުއްވައިދެއްވީ، 26 ޖޫން 1981 ގައެވެ.
މި އިމާރާތް ބިނާކުރެވުނީ ޕާކިސްތާނު ސަރުކާރުގެ އެހީގައެވެ. ދެ ފަންގިފިލާގެ މައްޗަށް އެކުލެވިގެންވާ މި އިމާރާތް ހުޅުއްވައިދެއްވާފައިވަނީ، 1 އޮގަސްޓު 1998 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފެވެ.
ރައްޔިތުންގެ މަޖިލިސްކުރާ މާލަން ހުންނަނީ މި ދެ ބުރީގެ އިމާރާތުގެ ތިރީ ފަންގިފިލާގައެވެ. މި އިމާރާތުގައި މަޖިލީހުގެ ޖަލްސާތައް އަޑުއެއްސެވުމަށާއި ބެއްލެވުމަށް ޚާއްޞަކުރެވިފައިވާ މާލަންތައް ފުރަތަމަ ފަންގިފިލާގައި ހުރެއެވެ.
މަޖިލީހުގެ މަސައްކަތްތައް އިތުރަށް ފުޅާވަމުން ދިޔުމާއެކު ޖާގައިގެ ދަތިކަށް ހައްލުކުރުމަށް މަޖިލީހުގެ އިދާރާއަށް އިތުރު އިމާރާތެއް ބިނާކުރުމަށް 2007 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހު ބިންގާއެޅުނެވެ. 13 ފަންގިފިލާގެ މި އިމާރާތް ބޭނުންކުރަން ފެށުނީ، 2019 ވަނަ އަހަރުއެވެ.
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA