ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

8 އޮކްޓޯބަރު 2019 14:00

ނަންބަރު

33

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 33 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ އެސް.ޓީ.އޯ ފާމަސީއިން މުއްދަތު ހަމަވެފައިވާ މެޑިކަލް ކޮންސިއުމަބްލްސް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބު އެސް.ޓީ.އޯ އިން ފޮނުއްވާފައިވީ ނަމަވެސް ކޮމިޓީން އެދިވަޑައިގެންފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާކަމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ، އަލުން އެ މަޢުލޫމާތު ހޯދުމަށް އެސް.ޓީ.އޯ އަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި މަޢުލޫމާތު ފޮނުވާއިރު 2016، 2017، އަދި 2018 ގެ މަޢުލޫމާތު ފޮނުއްވުމަށް އެސް.ޓީ.އޯ އަށް ދެންނެވުމަށް ވެސް ނިންމެވިއެވެ. މީގެ އިތުރުން ބޭސް ގަތުމުގައި ސީދާ މެނުފެކްޗަރާސް އަތުން ބޭސް ނުގަނެ ލޯކަލް ސަޕްލަޔަރުންގެ އަތުން ބޭސް ގަތުމުގައި އެއްވެސް ކަހަލަ އުޞޫލެއް ކަނޑައަޅާފައިވޭތޯ ސާފުކުރެއްވުމަށްވެސް ނިންމެވިއެވެ. އެއަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްއިން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި، ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް ތުޙުމަތު ކުރެވޭތީ، އެ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުން ސީދާ ސަޕްލަޔަރުންގެ އަތުން ނުގަނެ ތާރޑް ޕާޓީއެއް މެދުވެރިކޮށް ގޭސް ގަންނާތީ އެ މުޢާމަލާތް ހުއްޓާލުމަށް ކޮމިޓީގެ ފަރާތުން އެ ކުންފުންޏަށް އެންގުމަށާއި މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ގޭސްގެ ބޯޑުގެ މެންބަރުން ހާޒިރުކުރެއްވުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުށަހަޅުއްވާ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. (6 ވޯޓު)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA