ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

9 ޖުލައި 2019 12:30

ނަންބަރު

3

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

1. ކޮމިޓީގެ ބައްދަލުވުން ބާއްވާނެ ދުވަސްތަކާއި ގަޑިއެއް ކަނޑައެޅުމުގެ ގޮތުން، ކޮމިޓީގައި މަސައްކަތެއް ނެތްކަމުގައި ވީނަމަވެސް ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެ 12:30 ން 13:30 ގައި ބޭއްވުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. ނަމަވެސް މަސައްކަތެއް ކޮމިޓީއަށް އައިސްފިނަމަ، ހަފްތާގެ އަންގާރަ ދުވަސް ފިޔަވައި ހަފްތާގެ އެހެން ދުވަސް ދުވަހުގައި ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ވެސް ނިންމެވިއެވެ. 2. ދައުލަތުން ކުރިއަށްގެންދަވާ އެކި އެކި މަޝްރޫޢުތައް ހިންގުމަށް އެކި ފަރާތްތަކާ އެކު ކުރެވިފައިވާ ކޮންޓްރެކްޓްތަކާއި، ކޮންޓްރެކްޓް ހެދުމުގައި ގެންގުޅޭ އުސޫލުތަކާއި، އެކިއެކި ސަބަބުތަކާ ގުޅިގެން މިހާތަނަށް ބާޠިލް ކުރެވިފައިވާ ކޮންޓްރެކްޓްތަކާ ގުޅޭ މައުލޫމާތުތައް އަދި ކޮންޓްރެކްޓްތައް ބާޠިލްކުރެވިފައިވާ ސަބަބާއި، ބާޠިލްކުރެވޭ ކޮންޓްރެކްޓްތަކުގެ ސަބަބުން ދިވެހި ދައުލަތަށް ކުރިމަތިވަމުންދާ ދަތިތަކާއި، މައްސަލަތަކާއި އަދި ގެއްލުންތަކުގެ ތަފްޞީލުތައް މިނިސްޓްރީ އޮފް ފިނޭންސް އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން ލިޔުމުން ހޯދުމަށް ނިންމެވިއެވެ. 3. ޓުއަރިޒަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ޙިއްޞާކުރާ ދާއިރާއަކަށް ވީއިރުގައި، ރާއްޖޭގެ ރިޒޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖް ލިބެމުންދޭތޯ ބެއްލެވުމަށް ރިޒޯޓްތަކުންދޭ ސަރވިސް ޗާޖް އެނގޭނެ ގޮތަށް، ރާއްޖޭގައި ހިންގާ އެކިއެކި ރިޒޯޓުތަކުން ޓެކުހުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާ އާމްދަނީގެ ތަފްޞީލު ހޯދުމަށްވެސް ނިންމެވިއެވެ. 4. ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) އަށް ދައުލަތުން އަމަލުކުރަމުންދާ މިންވަރު ބެލުމަށްޓަކައި، އެ ޤާނޫނަށް އަމަލުކުރެވިފައިވާ މިންވަރު އަދި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ޙާޞިލްކުރުމަށްޓަކައި ގެންގުޅުއްވާ އުޞޫލުތަކާއި ދައުލަތުގެ ޚަރަދުތައް ކުރުމުގައި، އެ ޤާނޫނަށް ޢަމަލުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އިން ހޯދުމަށް ވެސް ނިންމެވިއެވެ. 5. ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމާއި، ޕެންޝަނާގުޅޭ ކަންކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅުންހުރި ދެ ދާއިރާކަމަށްވާއިރު، އެ ދާއިރާތަކާ ސީދާގޮތުން ގުޅުންހުރި ދައުލަތުގެ އެއްވެސް އިދާރާއެއް މިހާރުގެ ގަވާއިދުގެ ދަށުން އިޤްތިޞާދީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމަނާފައިނުވާކަން ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ގަވާއިދުގައި ކޮމިޓީގެ މެންޑޭޓް ތެރޭގައި ލިސްޓްކުރެވިފައިވާ 7 އިދާރާއަކާ ގުޅުންހުރި ކަންކަން ފިޔަވައި އެހެން އިދާރާއެއްގެ އިޤްތިޞާދާ ގުޅުންހުރި ކަމެއް ބެލެންނެތްކަން މެންބަރުން ފާހަގަކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA