އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

16 ޖުލައި 2019 12:30 ނަންބަރު 4

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 10 ޖުލައި 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލު" ދިރާސާކުރައްވައި، ބިލުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއެއް ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، މިބިލަކީ ބޮޑު ބިލަކަށްވުމާއެކު، ބިލާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހުރި ގޮތް ބެއްލެވުމަށާއި، މި ބިލާ ގުޅޭ އެކި އިދާރާތަކުން، ބިލާ ގުޅޭގޮތުން ކޮމެންޓް ހޯއްދެވުމަށް، ކޮމިޓީގެ މެންބަރުން ޚިޔާލު ފާޅުކުރެއްވިއެވެ. އަދި މި ބިލު ދިރާސާކުރައްވައި، ބިލުގެ މަސައްކަތް އެންމެ ރަނގަޅަށް ނިންމުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެތީ، ކޮމިޓީގެ މެންބަރުންގެ މެދުގައި މިކަމާމެދު މަޝްވަރާކުރެއްވުމަށްފަހު، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވާ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވީ، މި ބިލުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 31 އޮކްޓޯބަރ 2019 ކަމަށް ނިންމެވުމަށެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، މި ބިލުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 31 އޮކްޓޯބަރ 2019 ކަމަށް ނިންމެވިއެވެ. މިއަށްފަހު، އިސްވެ ދެންނެވުނު ބިލާ ގުޅޭގޮތުން ކޮމެންޓް ހޯދުމަށް ސިޓީ ފޮނުއްވާނެ ފަރާތްތަކެއް ކަނޑައެޅުއްވިއެވެ. އަދި އެފަރާތްތަކަށް، ކޮމެންޓް ފޮނުއްވުމުގެ މުއްދަތު 29 އޯގަސްޓް 2019 އާ ހަމައަށް ދެއްވުމަށް ވެސް ނިންމެވިއެވެ. މިގޮތުން، ކޮމެންޓް ހޯއްދެވުމަށް ނިންމެވި ފަރާތްތައް ތިރީގައި އެވަނީއެވެ. 1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް 2. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް 3. މިނިސްޓްރީ އޮފް ޓޫރިޒަމް 4. މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ 5. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ 6. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް 7. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ 8. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ 9. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން 10. މިނިސްޓްރީ އޮފް ހޯމް އެފެއަރޒް 11. މިނިސްޓްރީ އޮފް ފިނޭންސް މިއަށްފަހު ދެން ކޮމިޓީގައި މަޝްވަރާކުރެވުނީ، 09 ޖުލައި 2019 ވަނަ ދުވަހު ބޭއްވުނު ކޮމިޓީގެ 03 ވަނަ ބައްދަލުވުމުގައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައި ހުށަހެޅުއްވުންތަކާމެދުއެވެ. މިގޮތުން، އެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ސިޓީ ފޮނުވުނު ފަރާތްތަކުގެ ޖަވާބު ލިބުމުން، އެކަންކަން ކޮމިޓީން ބެއްލެވުމާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. މިއަށްފަހު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާ، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރެއްވީ، އިސްވެ ދެންނެވުނު ކަންކަން ބެލުމަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއް އެކުލަވާލައްވައިގެން އެކަންކަން ބެއްލެވުމަށެވެ. މި ހުށަހެޅުމާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ތާއީދުކުރެއްވީ، އެކި އިދާރާތަކުން ފޮނުއްވާ މަޢުލޫމާތުތައް ސަބް-ކޮމިޓީގައި ދިރާސާކުރެއްވުމަށްފަހު، އެއްވެސް އިދާރާއަކާ ބައްދަލުކުރައްވާނަމަ، މައި ކޮމިޓީން އެ އިދާރާއަކާ ބައްދަލުކުރެއްވުމަށެވެ. މި ދެ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ދެ ހުށަހެޅުންވެސް ފާސްވިއެވެ. މިހެންކަމުން، ސަބް-ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންފުޅުތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެއްވުމުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކުރެއްވީ، އަންނަނިވި ނަންފުޅުތަކަށެވެ. 1. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު 2. ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު 3. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 ޖުލައި 2019

ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖް ދެވޭ އުޞޫލާގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

10 ޖުލައި 2019

ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA