ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

22 ޖުލައި 2019 12:30

ނަންބަރު

5

އިޤްތިޞާދީ ކޮމިޓީގެ2019 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 17 ޖުލައި 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 22 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު" ދިރާސާކުރައްވައި، ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއެއް ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، މިޤަރާރު ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑި އަކީ 07 އޯގަސްޓް 2019 ކަމުގައި، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވާ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވުމުން، މި ހުށަހެޅުމަށް ވޯޓަށް އެއްސެވިއެވެ. އަދި ކޮމިޓީގައި ވަޑައިގެން ތިއްބެވި 9 މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ، 07 އޯގަސްޓް 2019 ކަމުގައި ނިންމެވިއެވެ. މިއަށްފަހު، މި ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. މިއަށްފަހު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރެއްވީ، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މި ޤަރާރާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި ވަޑައިގެން ތިއްބެވި 8 މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ބޭފުޅުންނާ ބައްދަލުކުރައްވާ ގޮތަށް ނިންމަވާ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA