ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

24 ޖުލައި 2019 12:30

ނަންބަރު

7

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 17 ޖުލައި 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 22 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު" ގެ މަސައްކަތެވެ. މިގޮތުން، މިޤަރާރާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޙިއްޞާކުރައްވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތް ކުރައްވާ، ކޮމިޓީގެ މެންބަރުންގެ މެދުގައި މި ޤަރާރާމެދު މަޝްވަރާކުރެއްވިއެވެ. މިއަށްފަހު، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ތާއީދުކުރެއްވީ، މިޤަރާރު ރަނގަޅު ކަމަށާއި، މި ޤަރާރު އޮތްގޮތަށް ކޮމިޓީން ފާސްކުރުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރުގެ ކޮމިޓީ މަސައްކަތް ނިމުނީ ކަމުގައި ނިންމެވިއެވެ. މިއަށްފަހު، ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) އަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޢަމަލުކޮށްފައިވާ މިންވަރު ދިރާސާކުރެއްވުމަށް، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މި މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ފިނޭންސްއަށް ކޮމިޓީން ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި މިނިސްޓްރީ އޮފް ފިނޭންސުން ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ވަގުތު ހަމަވުމާއެކު، ދެން އޮންނަ ބައްދަލުވުމެއްގައި މި މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމަވާ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA