ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

16 އޮކްޓޯބަރު 2019 14:00

ނަންބަރު

36

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އާއެކު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު މައްސަލަތައް ދިރާސާކޮށް ސަބް ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓްއާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މިދިޔަ ބައްދަލުވުމުގައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކަށް ވޯޓަށް އެއްސެވިއެވެ. މިގޮތުން ސަބް ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓް ބަލައިގަތުމަށާއި މައި ކޮމިޓީ ރިޕޯޓްގައި ކުންފުނީގެ ފައިނެންޝަލް ޙާލަތާއި ކޭޝްފްލޯ އަދި ދަރަނީގެ ތަފްޞީލް ހިމެނުމަށާއި ސަރުކާރުގެ ލޯބި ހޯދުމަށް ސީ.އެސް.އާ.ރު އަށް ސަރުކާރުން އެދޭ ކަންތައްތައް ކުރުމަށް ފައިސާ ޚަރަދުކުރުމަށް ނިންމާފައިވާ ބޯޑު ރިޒޮލިއުޝަން ބާޠިލްކުރެއްވުމަށް ހިމެނުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުށަހަޅުއްވާ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއިދުކުރެއްވާފައިވާ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން މި ހުށަހެއްވުން ފާސްވިއެވެ. (6 ވޯޓު). އެހެންކަމުން އަނެއް ހުށަހެޅުއްވުމަށް ވޯޓަށް އައްސަވާފައި ނުވެއެވެ. 2. އެއަށްފަހު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ގޮތުން ސަރުކާރުގެ އަދި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް އެ ކޮމިޝަނުން އަންގާފައިވާ އެންގުންތައް ފާހަގަކުރައްވާ ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އޭ.ސީ.ސީ އިން ކުންފުނިތަކަށް އަންގަވާފައިވާ އެންގުންތަކަށް އެ ކުންފުނިތަކުން ޢަމަލުކޮށްފައިވޭތޯއާއި އެ އެންގުންތަކާއި އެއްގޮތަށް ކުންފުނިތަކުގެ އިންޓަރނަލް ކޮންޓްރޯލްސް އަދި އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްޞީލް ހޯދުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުށަހަޅުއްވާ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުން ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ. (6 ވޯޓު) 3. ދެން ކޮމިޓީ މެންބަރުން މަޝްވަރާކުރެއްވީ އާސަންދަ ކޮންޕެނީ ލިމިޓެޑުން އާސަންދަ ކޮންޕެނީ ލިމިޓެޑްއިން، 2016 އަދި 2017 ވަނަ އަހަރު ކުރިޔަށް ގެންދެވުނު ޚިތާނީ ކޭމްޕަށާއި ވެސްޓް ބީޗްގައި ޖޮގިންގ ޓްރެކް އެރިއާ ހެދުމަށް އެކުންފުނީގެ ބަޖެޓުން ޚަރަދުކޮށްފައިވާ މައްސަލައަކީ މިހާރު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވަމުންދާ މައްސަލައެއްކަމަށްވާތީ، ކޮމިޓީގެ އެޖެންޑާއިން މި މައްސަލަ ނެގުމަށް ނިންމެވިއެވެ. 4. އެއަށްފަހު ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލް ނުކުރެވޭނެތީ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިފްކޯއާއި އެސް.ޓީ.އޯ ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ފާސްވިއެވެ. 5. ދެން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާއިދުކުރެއްވީ ފެނަކައިން ޕްރޮޖެކްޓްތައް ނަގަނީ ކެޕާރސިޓީ ހުރިވަރަށްތޯ ނޫނީ އެ ކުންފުނިން އޯވަރޓްރޭޑް ކުރަނީތޯ ބެއްލެވުމަށް ކޮމިޓީން އެ މައްސަލަ ދިރާސާކުރެއްވުމަށެވެ. މި މައްސަލަ ކޮމިޓީގެ އެޖެންޑާއަށް ލާން ކޮމިޓީން ނިންމެވިއެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއްވާ ގޮތާއި، އެ ސަރަޙައްދުތަކުގައި މި ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލް ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީއަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. 6. އެއަށްފަހު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާއިދުކުރެއްވީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހުރި އެކްޓިވް ނޫން ކުންފުނިތަކުގެ މަޢުލޫމާތު ދިރާސާކުރައްވާ އެ ކުންފުނިތައް އުވާލަން ފެންނަކަމަށް ރިޕޯޓެއް ތައްޔާރުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމަށެވެ. މި މައްސަލަ ވެސް ކޮމިޓީގެ އެޖެންޑާގައި ހިމެނުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA