ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

24 ފެބްރުއަރީ 2021 12:37

ނަންބަރު

7

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަޖައްސަވައިދެއްވުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ މަޝްވަރާކުރެއްވިއެވެ. މިކަމާ ގުޅިގެން، 1 އެޕްރީލް 2021 އިން ފެށިގެން މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ހަމަޖައްސަވައިދެއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގައި ޙާޒިރުވެ ތިއްބެވި މެންބަރުންގެ އަޤްލަބިއްޔަތުން ފާސްވެފައެވެ. ދާރުއްޒިކުރާ މިސްކިތުގެ މަޝްރޫޢުގައި ދައުލަތުން އެސް.ޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އިކުއިޓީގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ދައުލަތުން ކުރަމުން ގެންދަވާ މަސައްކަތާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައިވާ ސިޓީ މަޝްވަރާކުރެއްވިއެވެ. އޮޑިޓް ރިޕޯޓުގައި އިޞްލާޙުކުރުމަށް ލަފާދެއްވާފައިވާ ކަންތައް އިޞްލާޙުކުރުމަށް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ މަސައްކަތުގެ ސްޓޭޓަސް އަޕްޑޭޓެއް ފޮނުވާދެއްވުމަށް އެދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ދެންނެވުމަށް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގެ ޢިއްތިފާޤުން ފާސްވެފައެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސުން، އެސް.ޖޭ ކޮންސްޓްރަކްޝަންއަށް ދެއްވާފައިވާ 30 މިލިއަށް ރުފިޔާ އަނބުރާ ހޯދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރައްވާނެ ކަމަށް ބަޔާންކުރައްވާ މަސައްކަތަކީ ކޮބާކަމާއި، އެ މަސައްކަތްތައް ކުރަން ފައްޓަވާނެ ތާރީޚް ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ދެންނެވުމަށް، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގެ ޢިއްތިފާޤުން ފާސްވެފައެވެ. ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހިންގާފައިވާ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލު އެކުލެވޭކަން ބަޔާންކޮށް، ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) އިން ލިބިދޭ ރައްކާތެރިކަމުގެ ދަށުން ޢާންމު ފަރާތަކުން ފޮނުއްވާފައިވާ ސިޓީ މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލަ އަކީ ތަޚްޤީޤީ މައްސަލައަކަށްވާތީ، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން ބަލަމުންގެންދާނަމަ އެކަމުގެ އަޕްޑޭޓެއް ދެއްވުމަށް އެދި ދެންނެވުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އެއްވެސް އިޢުތިރާފެއް ނެތުމުން ފާސްވެފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA