ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

29 ޖުލައި 2019 12:00

ނަންބަރު

8

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، 24 ޖުލައި 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 25 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު" ގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، މިޤަރާރުގެ މަސައްކަތް ކޮމިޓީން ނިންމަވާނެ ސުންގަޑިއަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާ، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރެއްވީ، މިޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 29 ޖުލައި 2019 ކަމަށް ނިންމެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން، މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 29 ޖުލައި 2019 ކަމުގައި ނިންމެވިއެވެ. މިބައްދަލުވުމުގައި ދެން ކުރިއަށް ގެންދެވީ، 24 ޖުލައި 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 25 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ރަށު ކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ޤާއިމްކުރުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު" ގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، މިޤަރާރުގެ މަސައްކަތް ކޮމިޓީން ނިންމަވާނެ ސުންގަޑިއަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރެއްވީ، މިޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 29 ޖުލައި 2019 ކަމަށް ނިންމެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން، މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 29 ޖުލައި 2019 ކަމުގައި ނިންމެވިއެވެ. މިއަށްފަހު، އިސްވެ ދެންނެވުނު ދެ ޤަރާރު ވެސް މިހާރު އޮތްގޮތަށް ފާސްކުރުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، މި ދެ ޤަރާރުގެ ކޮމިޓީ މަސައްކަތް ނިމުނީ ކަމަށް ނިންމެވިއެވެ. މިއަދުގެ ބައްދަލުވުމުގައި ދެން ކުރިއަށް ގެންދެވީ، ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖް ދެވޭ އުޞޫލާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ، އިޤްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ސަބް-ކޮމިޓީގެ މުޤައްރިރު، ސަބް-ކޮމިޓީގެ ރިޕޯޓް މައިކޮމިޓީއަށް ހުށަހަޅުއްވައިދެއްވުމުން، މި ރިޕޯޓް ކޮމިޓީއަށް ބަލައިގަތުމަށް ނިންމެވިއެވެ. އަދި މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމާމެދު ޤާނޫނީ ހުރަހެއް ވޭތޯ ބެއްލެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ސީނިއަރ ލީގަލް ކައުންސެލްގެ ފަރާތްޕުޅުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި އެފަދަ ޤާނޫނީ ހުރަހެއް ނެތް ކަމަށް ވުމާއެކު، މާވަށު ދާއިރާގެ މެންބަރު ހުށަހަޅުއްވާ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރެއްވި، އަންނަނިވި ރެކަމެންޑޭޝަންއާއެކު، މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. މިއަށްފަހު، ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) އަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޢަމަލުކޮށްފައިވާ މިންވަރު ދިރާސާކުރެއްވުމަށް، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މި މައްސަލައަކީ، ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ޙަވާލުވެފައިވާ މަސްއޫލިއްޔަތެއް ކަމަށް ވުމާއެކު، އިޤްތިޞާދީ ކޮމިޓީން މިމައްސަލަ އިތުރަށް ދިރާސާކުރެއްވުމުގެ ބޭނުމެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާތީ، މި މައްސަލަ މިހާހިސާބުން ނިމުނީ ކަމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA