ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

31 ޖުލައި 2019 12:00

ނަންބަރު

9

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، 29 ޖުލައި 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ޤާއިމްކުރުމާގުޅޭ ޤަރާރު" ގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، މިޤަރާރުގެ މަސައްކަތް ކޮމިޓީން ނިންމަވާނެ ސުންގަޑިއަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށަހަޅުއްވާ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރެއްވީ، މިޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 31 ޖުލައި 2019 ކަމަށް ނިންމެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 31 ޖުލައި 2019 ކަމުގައި ނިންމެވިއެވެ. މިއަށްފަހު، އިސްވެ ދެންނެވުނު ޤަރާރު މިހާރު އޮތްގޮތަށް ފާސްކުރުމަށް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށަހަޅުއްވާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރުގެ ކޮމިޓީ މަސައްކަތް ނިމުނީ ކަމަށް ނިންމެވިއެވެ. މިއަށްފަހު ކުރިއަށް ގެންދެވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ، ސަރުކާރުން ކުރިއަށްގެންދަވާ އެކި އެކި މަޝްރޫޢުތަކާ ގުޅިގެން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކޮންޓްރެކްޓްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ގުޅިގެން، މިހާތަނަށް ބާޠިލުކުރެވިފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ވަމުންދާ ގެއްލުންތައް، އަދި އެކަމުގެ ސަބަބުން އިޤްތިޞާދަށް ކޮށްފާނެ އަސަރު ދެނެގަތުމުގެ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މިކަމާ ގުޅޭގޮތުން ކޮމިޓީން، މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި މިނިސްޓްރީ އޮފް ފިނޭންސުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އަދި މި ސިޓީން، ކޮމިޓީން ބޭނުންފުޅުވާ މަޢުލޫމާތު ލިބިދެވިފައި ނުވާކަން ކޮމިޓީގެ ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ. މިއަށްފަހު، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ތާއީދުކުރެއްވީ، ހުށަހެޅިފައި މިވަނީ މުހިއްމު މައްސަލައެއް ކަމަށް ވުމާއެކު، މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ސަބް-ކޮމިޓީއަކަށް ފޮނުވައި، އެކި މިނިސްޓްރީތަކަށް ސިޓީ ފޮނުއްވައިގެން، އެމިނިސްޓްރީއެއްގެ ދަށުން ހިންގާ އެއްވެސް ކޮންޓްރެކްޓެއް ބާޠިލުކޮށްފައިވޭތޯ، އަދި ވާނަމަ އެ ކޮންޓްރެކްޓްތަކުގެ ތަފްޞީލީ މަޢުލޫމާތު ހޯއްދެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. މި ހުށަހެޅުން ފާސްވުމާއެކު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ތާއީދުކުރެއްވީ، އަންނަނިވި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއް އެކުލަވާލެއްވުމަށެވެ. 1. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު 2. ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު 3. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ 4. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް 5. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، އިސްވެ ދެންނެވުނު މައްސަލަ ސަބް-ކޮމިޓީއަށް ފޮނުއްވިއެވެ. މިއަށްފަހު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވީ، ކޮންސިއުމަރ ޕްރޮޓެކްޝަނާބެހޭ ޤާނޫނަށް ޢަމަލުކުރަމުންދާ މިންވަރު ބެއްލެވުމަށެވެ. މި ހުށަހެޅުމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރެއްވުމުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް، އިސްވެ ދެންނެވުނު މައްސަލައާގުޅޭ ތަފްޞީލްތައް ހޯދުމަށް ސިޓީ ފޮނުއްވުމަށް ނިންމަވާ، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA