ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

8 ފެބްރުއަރީ 2021 14:05

ނަންބަރު

2

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަލީ އިކްރާމް، އެ ކުންފުންޏަށް އޮކްސިޖަން ސިލެންޑަރ ފޯރުކޮށްދިން ފަރާތުގެ ޚަރަދުގައި ސިންގަޕޫރަށް ދަތުރުކޮށްފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލަ ބެއްލެވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. (9 ވޯޓު) އަދި މި ހުށަހެޅުއްވުމަށް މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެފައިވާތީ އެ މައްސަލަ ވެސް އިތުރުކުރެއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ފާސްވިއެވެ. (11 ވޯޓު). އެއަށްފަހު، މިފަހުން މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި ކަންހިނގާފައިވާ ގޮތް ބެލުމަށާއި، ހެދިފައިވާ ގައިޑްލައިންތަކާއި އުޞޫލުތަކާ އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރުގައި ސަލާމަތީ ކަންކަން ބެލެހެއްޓަމުންދޭތޯ ބެއްލެވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ތާއިދުކުރެއްވިއެވެ. އަދި މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ފާސްވިއެވެ. (11 ވޯޓު). ދެން މި މައްސަލަތަކާ މެދު މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގެ މަޢުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ޕޭރެންޓް ކުންފުނި އެސް.ޓީ.އޯ އަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އެއަށްފަހު، މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ އެކްސިޑެންޓްތަކާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް އެމް.ޕީ.އެލް އަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެ އުޞޫލުތައް ތަންފީޒުކުރަމުންދާ މިންވަރު ބައްލަވާތޯ ސާފުކުރެއްވުމަށް އެ އޮތޯރިޓީއަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA