ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

20 އޯގަސްޓު 2019 15:30

ނަންބަރު

11

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، 20 އޮގަސްޓް 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު" ގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، މިބިލުގެ މަސައްކަތް ކޮމިޓީން ނިންމަވާނެ ސުންގަޑިއަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޞާ ހުށަހަޅުއްވާ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރެއްވީ، މިބިލުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 26 އޮގަސްޓް 2019 ކަމަށް ނިންމެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 26 އޮގަސްޓް 2019 ކަމުގައި ނިންމެވިއެވެ. މިއަށްފަހު، ކުރިއަށް ގެންދެވީ، 20 އޮގަސްޓް 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވާފައިވާ، "ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު" ގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، މިޤަރާރުގެ މަސައްކަތް ކޮމިޓީން ނިންމަވާނެ ސުންގަޑިއަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވީ، މިބިލުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 26 އޮގަސްޓް 2019 ކަމަށް ނިންމެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވުމާއެކު، މި ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 26 އޮގަސްޓް 2019 ކަމުގައި ނިންމެވިއެވެ. މިއަށްފަހު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދުގައި މަޝްވަރާކުރެއްވިއެވެ. ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހުގައި 3 ކަމެއް ކޮމިޓީން ނިންމެވިއެވެ. އެއީ؛ • މިބިލުގެ މަސައްކަތްކުރިއަށް ގެންދިއުމުގެ ގޮތުން ބިލާއި ގުޅުން ހުރި ތިރީގައި ދެންނެވިފައިވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. 1. މަސްވެރިކަން ކުރާ ފަރާތްތައް ރާއްޖޭގެ ސަރަޙައްދުތައް 7 ދާއިރާއަކަށް ބަހާލައިގެން ކޮންމެ ސަރަޙައްދަކުން ކެޔޮޅެއް (އިހަވަންދޫ، ނައިފަރު، ދުވާފަރު، އުކުޅަސް، ތިނަދޫ، ލ.ހިތަދޫ އަދި އައްޑޫ ސިޓީ) 2. މަސްވެރިން އަތުން މަސް ގަންނަ ފަރާތްތައް ކަމުގައިވާ އެންސިސް، މިފްކޯ، ކަޓްސޮބުށީ. 3. ބިލާއި ގުޅުން ހުރި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ އިދާރާތައް؛ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން، ބޭންކް އޮފް މޯލްޑިވްސް، އެމް.އެން.ޑީ.އެފް، ޕޮލިސް، ކަސްޓަމްސް، އެމް.އޭ.ސީ.އެލް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ. • ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވި ލިސްޓަށް ކޮމިޓީއަށް ފާހަގަކުރެވޭ އިތުރު ފަރާތްތަކެއް ހުރިކަމަށް ވާނަމަ އެ ލިސްޓަށް އިތުރުކުރުމަށް ހުޅުވާލި ފުރުޞަތުގައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޞާ ހުށަހަޅުއްވައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރެއްވީ، މަސްވެރިކަން ކުރާފަރާތްތަކުގެ އަތުން މަސްގަންނަ 2 ކުންފުނި (ކޫޑު އަދި ހޮރައިޒަން)، ފުޑް އެންޑް ޑްރަގް އޮތޯރިޓީ ލިސްޓަށް އިތުރުކުރުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. • އެއަށްފަހު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރައްވައި ހުށަހެޅުމެއް ހުށަހެޅިގެން ދިއައެވެ. އެއީ، މަސްވެރިކަން ކުރާ ފަރާތްތައް ރާއްޖޭގެ ސަރަޙައްދުތައް 7 ދާއިރާއަކަށް ބަހާލައިގެން ކޮންމެ ސަރަޙައްދަކުން ކެޔޮޅެއް ގެނައުމަށް ކޮމިޓީން ފާސްކޮށްފައިވުމާއިއެކު، މި ފަރާތްތައް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވުމުގައި ހިނގާނެ ޚަރަދުތައް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަވައި ދެއްވުމަށް މަޖިލީހުގެ ރައީސް އަށް ދެންނެވުމަށެވެ. މި ހުށަހެޅުން ވެސް ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. • ތިންވަނައަށް ހުށަހެޅިގެން ދިޔަ ހުށަހެޅުމަކީ، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދު ކުރެއްވި ހުށަހެޅުމެވެ. އެއީ، ބިލާއި ގުޅޭ ގޮތުން ސްޓޭކް ހޯލްޑަރސް އާއި ބައްދަލުކުރުމުގެ ކުރިން، ކޮމިޓީގެ ބައްދަލުވުން ބާއްވައި ބިލުގައިވާ މެންބަރުންނަށް ފާހަގަކުރެވޭ މައްސަލަތައް ފާހަގަކުރުމަށްފަހުގައި އެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށެވެ. މި ހުށަހެޅުން ވެސް ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA