ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

9 މާރިޗު 2021 12:45

ނަންބަރު

11

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ ބަޖެޓާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލައާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އިތުރު 29.8 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފެނިވަޑައިގަންނަވާކަމަށާއި، އިންތިޚާބުތަކަށް ކޮންމެހެން ކުރަންޖެހޭނެ ޚަރަދުތައް ކުރެވޭނެގޮތަށް ބަޖެޓް ދޫކުރެއްވުމަށާއި، އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނަށް ގެންނަވާ ބަދަލަކާ ގުޅިގެން ބަޖެޓުން އެއްވެސް ޢަދަދެއް އުނިކުރެއްވޭނަމަ، އެ ޢަދަދު އުނިކުރެއްވުމަށްފަހު އެ ކޮމިޝަނަށް ބަޖެޓް ދޫކުރެއްވުމަށް މިނިސްޓަރ އޮފް ފިނޭންސް އަރިހުގައި ދެންނެވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީން ފާސްވެފައެވެ. ޕްރެކްސިސް ލޯ ފަރމް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން އެކުލަވާލައި، "މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލު" އަށް މާލިއްޔަތު ކޮމިޓީން ކޮމެންޓް ކުރުމަށް އެދި ޕްރެކްސިސް ލޯ ފަރމްއިން 25 ނޮވެންބަރު 2020 ގައި ފޮނުއްވާފައިވާ މައްސަލައިގައި ،ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އެ ބިލު ކަމާގުޅޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބިލު ދިރާސާކުރައްވާއިރު އެ ކޮމިޓީން ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯއްދަވައި، އެކަންކަމަށް ރިޢާޔަތްކުރައްވާނެކަމަށާއި، ކަމާގުޅުންހުރި ފަރާތްތަކުން ބިލު ޑްރާފްޓްކުރައްވާ މަރުޙަލާގައި އެ ބިލަކަށް އިޞްލާޙު ހުށަހެޅުއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ކުރައްވަމުން ގެންދަވާ މަސައްކަތެއް ނޫންކަމުގައި ތިޔަ އެ ފަރމްގައި ދެންނެވުމަށް އެ ކޮމިޓީން ނިންމެވިއެވެ. ސަރުކާރުގެ އިދާރާތަކުން އެކި އެކި މަޝްރޫޢުތައް އަމިއްލަ ފަރާތްތަކުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރުވުމަށްފަހު، އެ ފަރާތްތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދިއުމާއި، އެ އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އަދި ދެން އަންނަ ބައްދަލުވުމުގައި މި މައްސަލައާމެދު ގޮތެއް ނިންމުމަށް، މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
17 ޑިސެމްބަރު 2020 - ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބަޖެޓުގެ ދަތިކަން
25 ނޮވެމްބަރު 2020 - ޕްރެކްސިސް ލޯ ފަރމް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން އެކުލަވާލައި، "މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލު" އަށް މާލިއްޔަތު ކޮމިޓީން ކޮމެންޓް
10 ނޮވެމްބަރު 2020 - ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހިންގާފައިވާ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލު އެކުލެވޭ
17 އޯގަސްޓު 2020 - ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި ގުޅޭ
9 އޮކްޓޯބަރު 2019 - ސަރުކާރުގެ އިދާރާތަކުން އަމިއްލަ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA