ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

10 މާރިޗު 2021 12:40

ނަންބަރު

12

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ސަރުކާރުގެ އިދާރާތަކުން އެކި އެކި މަޝްރޫޢުތައް އަމިއްލަ ފަރާތްތަކުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރުވުމަށްފަހު، އެ ފަރާތްތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދިއުމާއި، އެ އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޕޭމަންޓް ސިސްޓަމްއަށް އިންވޮއިސް އެޅުއްވުން ލަސްވާ ސަބަބާއި، އިންވޮއިސް އެޅުއްވުމުގައި ގެންގުޅުއްވާ ކޮންޓްރޯލްސްތައް އަދި ސަރުކާރުގެ އިދާރާތަކުން އެކި އެކި މަޝްރޫޢުތައް އަމިއްލަ ފަރާތްތަކުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައްކަވަންޖެހޭ ފައިސާއަކީ ނިސްބަތުން ކުޑަ ޢަދަދަކަށްވެފައި އެ ފައިސާ އެ ފަރާތްތަކަށް ނުދެވި ލަސްވަ ސަބަބު އޮޅުން ފިލުއްވުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ސިޓީ ލިޔުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހެޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީން ފާސްވެފައެވެ. (8 ވޯޓް) ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހިންގާފައިވާ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލު އެކުލެވޭކަން ބަޔާންކޮށް، ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) އިން ލިބިދޭ ރައްކާތެރިކަމުގެ ދަށުން ޢާންމު ފަރާތަކުން ފޮނުއްވާފައިވާ މައްސަލައާ މެދު މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، އެ ފަރާތުން ބަޔާންކުރައްވާފައިވާ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ބައްލަވަމުންކަމަށް ޖަވާބުއެރުވުމަށް ނިންމެވިއެވެ. 16 އޮގަސްޓު 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ނަންބަރު COM-2020-6(D) (ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މިނިސްޓްރީ އޮފް ހެލްތްއިން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް) ގައި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ދީފައިވާ އެޑްވާންސް ފައިސާއާއި ތަކެތީގެ މައްސަލައިގައި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއިން ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ނުލިބިވާ ވެންޓިލޭޓަރުތައް ހޯދުމަށް އެ ކުންފުންޏާއެކު މިނިސްޓްރީ އޮފް ހެލްތްއިން މިހާތަނަށް ކުރައްވާފައިވާ އެންމެހާ މުޢާމަލާތްތަކުގެ (މެއިލް، ނެގޯސިއޭޝަންސް ހިމެނޭގޮތަށް) ތަފްޞީލް ފޮނުއްވައިދެއްވުމަށް އެ މިނިސްޓްރީއަށް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA