ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

16 އޯގަސްޓު 2020 10:10

ނަންބަރު

38

2020 ވަނަ އަހަރުގެ 38 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، މަޖިލީހުން ރުހުން ދެއްވާފައިވާ ބަޙްރެއިން އަދި އޮމާންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ ތެރެއިން ބަޙްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުން، ހ.ނިޔާސާ، ޑޮކްޓަރ ޙުސައިން ނިޔާޒުގެ ނަންފުޅު އަނބުރާ ގެންދަވާ، ބަދަލުގައި ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ގ.އުތުރުގެއާގެ، އަލްފާޟިލް މުޙައްމަދު ޚަލީލް، ބަޙްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެ ގޮތުން ގ.އުތުރުގެއާގެ، އަލްފާޟިލް މުޙައްމަދު ޚަލީލް، ބަޙްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް، އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުން ގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. "ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓެބްލިޝިންގ އިންޓަރނޭޝަނަލް ސޯލަރ އެލައަންސް" އަލުން ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރް)" އާއި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސްއަޕިއަރެންސް (ސީ.އީ.ޑީ)" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ މަޝްވަރާކުރެއްވިއެވެ. އަދި މި 3 މުއާހަދާގައި ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީގައި ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA