ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

2 ޑިސެމްބަރު 2019 14:00

ނަންބަރު

52

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 52 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި 12 ނޮވެމްބަރު 2019 ވަނަ ދުވަހުރޭ ހުޅުމާލޭގައި އެމް.ޓީ.ސީ.ސީގެ ބަހެއްގައި ޖެހި ސައިކަލެއްގައި އިން 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެފައިވާތީ، އެމް.ޓީ.ސީ.ސީއިން ބަހުގެ ޚިދުމަތްދިނުމުގައި، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަމުންދޭތޯއާއި، ބަސްތައް ދުއްވާ ބާރުމިން ވަކި މިންވަރެއްގައި ހިފެހެއްޓިފައިވޭތޯއާއި، ބަސްތައް ދުއްވާ ޑްރައިވަރުންގެ މަސައްކަތްތުގެ ވަގުތު ބެހިފައިވާގޮތާއި، ބައެއް ޑްރައިވަރުން ހުސްވަގުތެއް ނުލިބި މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާތީ، އެއީ އެކަން ހިންގާ ގޮތްތޯ ބައްލަވައިދެއްވުން އެދި، ހިއުމަން ރައިޓްސް ކޮމިޓީއިން 18 ނޮވެމްބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެމް.ޓީ.ސީ.ސީއިން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތު ހޯއްދެވުމަށްފަހު، މި މައްސަލައިގައި ކުންފުނީގެ ބޯޑު މެންބަރުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މީގެއިތުރުން 06 މެއި 2019 ގައި އެމް.ޓީ.ސީ.ސީގެ ބަހެއްގައި ޖެހި ޓޫރިސްޓް އަންހެނަކު ނިޔާވެފައިވާ މައްސަލަ އަދި މި މައްސަލައިގައި އެ ކުންފުންޏަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވާނެތޯ ނުވަތަ އެންގެވުމެއް އަންގަވާފައިވާނެތޯ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ސާފުކުރެއްވުމަށްވެސް ނިންމެވިއެވެ. 1. ޑްރައިވަރުންގެ މަސައްކަތުގެ ވަގުތު ބެހިފައިވާގޮތުގެ ޝެޑިއުލް؛ 2. މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ހިނގާފައިވާތީ، މިކަމާ ގުޅިގެން ތިޔަ ކުންފުނިން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް؛ އަދި މިފަދަ ހާދިސާއެއް ތަކުރާރުވެދިޔަ ނުދިނުމަށް އަޅުއްވަން ޤަސްދުކުރައްވާ ފިޔަވަޅުތަކުގެ ތަފްޞީލް؛ 3. އެމް.ޓީ.ސީ.ސީ ބަހުން ޖެހި މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓްތައް ދިރާސާކޮށް ކުންފުނިން އެކުލަވާލާފައިވާ ރިޕޯޓުތައް. 2. އެއަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން އިންފޮރމޭޝަން ކޮމިޝަނަރަށް މައުލޫމާތު ޙިއްސާކުރެއްވުމަށް އިންކާރުކުރައްވާކަމާއި އަދި މި މައްސަލަ ސަރުކާރު ޙިއްސާވާ އެހެން ކުންފުނިތަކުގެ ފަރާތުންވެސް ދިމާވާކަމުގެ ކަންބޮޑުވުން، އެފަރާތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ޙިއްސާކޮށްފައިވާތީ، މި މައްސަލަ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އެދި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން 18 ނޮވެމްބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މި މައްސަލައިގައި އެމް.ޓީ.ސީ.ސީއިން މަޢުލޫމާތު ޙިއްސާކުރެއްވުމަށް އިންކާރުކުރެއްވި މައްސަލައިގެ ތަފްޞީލް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހޯއްދެވުމަށް ނިންމެވިއެވެ. އަދި އެމް.ޓީ.ސީ.ސީއާއެކު ބޭއްވޭ ބައްދަލުވުމުގައި މިކަމާގުޅޭ މަޢުލޫމާތު އެ ކުންފުނިން ސާފުކުރެއްވުމަށްވެސް ނިންމެވިއެވެ. 3. މީގެ އިތުރުން، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްއާއި ގުޅުން ހުރި މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA