ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

4 ޖޫން 2020 14:00 ނަންބަރު 27

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ލިބިފައިވާ ސިޓީތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ފުރަބަންދުވުމުގެ ކުރިން ޢާންމުކޮށް ކޮށްއުޅުނު މަސައްކަތްތައް ފަށައި އާމްދަނީ ލިބެންދެން ދައުލަތުން ދެމުން އަންނަ އަސާސީ 2 ޚިދުމަތްކަމުގައިވާ ފެނާއި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެގޮތް ހައްދަވައިދެއްވުން އެދި މުޙައްމަދު ޒަހީން/ މ. ސާމީ ވިލާ، މާލެ ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން އަދި އެމް.ޑަބްލިއު.އެސް.ސީ އަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އެއަށްފަހު، ފެނަކަ ގދ. ތިނަދޫ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ އިބްރާހީމް އަޙްމަދު ފެނަކަ ހެޑް އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން 30 ދުވަހަށް ސަސްޕެންޑްކޮށް، އެ މައްސަލައާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ނުދީ 3 މެއި 2020 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެފަރާތުން ފޮނުވާފައިވާ ސިޓީއާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ނިންމަވާފައިވަނީ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެފަރާތަށް ދެންނެވުމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ބެއްލެވުމުގައި އެއްވެސް ނުފޫޒެއް ނުވަތަ އިޙުމާލެއްވާކަމަށް ފާހަގަކުރެއްވޭނަމަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކުރިއަށް ގެންދެވުމަށް ވެސް އެފަރާތަށް ދެންނެވުމަށް ނިންމެވިއެވެ. ދެން މެންބަރުން މަޝްވަރާކުރެއްވީ މޯލްޑިވިއަން އިން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ރިފަންޑް ދިނުމުގައި ޢަމަލުކުރަމުންދާ އުޞޫލު ބަޔާންކޮށް އައިލެންޑް އޭވިއޭޝަން ސަރވިސަސް އިން ފޮނުވާފައިވާ ނަންބަރު IAS/57/2020-005 (24 މެއި 2020) ސިޓީއާ ގުޅޭގޮތުންނެވެ. މިގޮތުން މިހާރު ރިފަންޑް ދިނުމުގެ އުޞޫލާ ގުޅިގެން މެންބަރުންގެ ކަންބޮޑުވުންތަކެއް ނެތުމާ އަދި އެ ކުންފުނީގެ ވެބްސައިޓްގައި ޝާޢިއުކޮށް އެކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ލިބިފައިވާކަމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ، އެ މައްސަލަ ނިންމަވާލެއްވިއެވެ. އެއަށްފަހު ކޮވިޑް-19އާ ގުޅިގެން އެސް.ޓީ.އޯ މެދުވެރިކޮށް ޚަރަދުކުރެވުނު ގޮތުގެ އޮޑިޓް ހެއްދެވުމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުވާފައިވާ ނަންބަރު 7-AUDIT/57/2020/22 (24 މެއި 2020) ސިޓީއާ މެދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ އެ ސިޓީގައި ދަންނަވާފައިވާ އޮޑިޓް ރިޕޯޓްގެ މަސައްކަތް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިމުމުން އެ މައްސަލަ ދިރާސާކުރެއްވުމަށް ނިންމަވާ، މިވަގުތަކަށް އެ މައްސަލަ ނިންމެވިއެވެ. އެއަށްފަހު ކޮމިޓީ މެންބަރުން ބައެއް ކަންތައް ހުށަހަޅުއްވަން ބޭނުންފުޅުވާތީ އެ ފުރުސަތު ދެއްވުމުން، ސްޓެލްކޯ އިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގައި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ލަސްކަމަށާއި ބައެއް ރަށްރަށުގައި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްނުދާކަމަށް ޝަކުވާލިބެމުންދާތީ، ސްޓެލްކޯ އާ މަޝްވަރާކޮށް މި ޕްރޮޖެކްޓްތައް ކުރިއަށްދާނެގޮތެއް ބެއްލެވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއިދުކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 ޖޫން 2020

ސްޓެލްކޯ އިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގައި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ލަސްކަމަށާއި ބައެއް ރަށްރަށުގައި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްނުދާކަމަށް ޝަކުވާ ލިބެމުންދާކަމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

1 ޖޫން 2020

ފެނަކަ ގދ. ތިނަދޫ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ އިބްރާހީމް އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވާތީ، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެފަރާތުން ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

1 ޖޫން 2020

ޢާންމުކޮށް ކޮށްއުޅުނު މަސައްކަތްތައް ފަށައި އާމްދަނީ ލިބެންދެން ފެނާއި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެގޮތް ހައްދަވައިދެއްވުން އެދި މުޙައްމަދު ޒަހީން/ މ. ސާމީ ވިލާ، މާލެ ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA