ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

10 އޯގަސްޓު 2020 14:35

ނަންބަރު

53

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 53 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންނާ ގުޅޭގޮތުން ސަބް-ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް-2 ދިރާސާކުރުމެވެ. މިގޮތުން މި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ޒީނާ ޒާހިރު މަޤާމުން ވަކިކުރުމަށް ނަން އިއުލާންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އަޢުލަބީއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތާ ގުޅޭގޮތުން ސަބް-ކޮމިޓީގެ ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މިގޮތުން މި މަސައްކަތް ކުރިއަށް ގެންދިއަ ސަބް ކޮމިޓީގެ ހޯދުންތައް އެޓަރނީ ޖެނެރަލް އޮފީހަށް ސިޓީއަކުން ފޮނުވުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އަޢުލަބީއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. ދެން ކުރިއަށް ގެންދެވީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި ސިޓީގައިވާ ކަންކަމާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް، އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާ އެކު ބައްދަލުވުމެއް ބޭއްވުމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ތާއީދުކުރެއްވިއެވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އަޢުލަބީއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. މިސިޓީ އަކީ ސިއްރު ސިޓީއެއްކަމުން މި ސިޓީގެ މަސައްކަތް ކުރިއަށް ގެންދެވީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްގެންނެވެ. އެއަށްފަހު، އެންޓި-ކޮރަޕްޝަން ކޮމިޝަނުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ވަރޗުއަލްކޮށް ކުރިއަށް ގެންގޮސް ދެއްވުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައްވެސް ވަރޗުއަލް ކޮށްކުރިއަށް ނުގެންދާތީ އެކޮމިޝަން، 11 އޮގަސްޓް 2020 މެންދުރު 2 އަށް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށް ދެންނެވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް މީހުން ޢައްޔަނުކުރުމުގެ މައްސަލައެވެ. މިގޮތުން މި މައްސަލަ ނިންމާނެ ސުންގަޑި އަކީ 23 އޮގަސްޓް 2020 ކަމަށާއި، ކުރިމަތިލައްވާފައިވާ ފަރާތްތަކާ ގުޅޭ ޝަކުވާއެއް އޮތްތޯ ބެލުމަށް 16 އޮގަސްޓް 2020 ހެނދުނު 9:00 ގެ ނިޔަލަށް ހުޅުވާލުމަށާއި، އިންޓަވިއުކުރާނެ ދުވަސްތަކަކީ 16 އޮގަސްޓް އިން 19 އޮގަސްޓަށް ކަމަށާއި ޝަރުތު ހަމަވޭތޯ ބެލުމަށް އެކުލަވާ ޕެނަލްއަކީ އަޙްމަދު ނާޒިމް މުޙައްމަދު، ޝަހުޒާދު ސައީދު އަދި ފާތުމަތު ނަދާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA