ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

9 އޮކްޓޯބަރު 2019 12:30

ނަންބަރު

36

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ "ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް .... ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މި ބިލު ފައްޓަވައިގެން މާއްދާއަކުން މާއްދާއަކުން ބައްލަވާ ގޮތަށް ނިންމެވިއެވެ. އަދި ބިލުގެ 1 ވަނަ ނަންބަރާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު ހުށަހަޅުއްވާ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ތާއީދުކުރެއްވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ބިލާ ގުޅޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ. ވުމާއެކު، އެގޮތަށް ނިންމަވާ، ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މިގޮތަށް ނިންމެވުމުން، އައު މަޖިލީހުގެ ގަވާއިދުގެ ދަށުން، ބައްދަލުކުރައްވާ ފަރާތަކަށް މަދުވެގެން 5 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެތީ، ކުރިން ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ 15 އޮކްޓޫބަރު 2019 އަށް ބިލުގެ މަސައްކަތް ނުނިމޭނެތީ، ބިލުގެ ސުންގަޑި ބަދަލުކުރެއްވިއެވެ. މިގޮތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާ، ހިތަދޫ ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރެއްވީ 23 އޮކްޓޫބަރު 2019 ސުންގަޑިއެއް ކަމުގައި ހަމަޖެއްސެވުމަށެވެ. އަދި ބިލަށް އެމް.އެމް.އޭ.ގެ ކޮމެންޓެއް ވޭތޯ ބެއްލެވުމަށާއި، އޮންލައިން ޕޭމަންޓް ގޭޓްވޭއެއްގެ މަސައްކަތް އެމް.އެމް.އޭ.އިން ކުރައްވަމުން ގެންދަވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަމުގެ ތަފްޞީލުތައް ހޯއްދެވުމަށް އެމް.އެމް.އޭ. އަށް ސިޓީ ފޮނުއްވުމަށެވެ. މިއަށްފަހު، އެޖެންޑާގެ "އެހެނިހެން"ގެ ތެރެއިން، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރެއްވި ހުށަހެޅުން ފާސްވެގެން ދިޔައެވެ. އެއީ: 1. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފެއްޓެވޭނެ ތާރީޚެއް ހޯއްދެވުމާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފެއްޓުމާމެދު ކަމާ ބެހޭ ފަރާތްތަކުގެ ވިސްނުން ހުރި ގޮތް ސާފުކުރެއްވުން. (މިނިސްޓްރީ އޮފް ފިނޭންސް އިން މަޢުލޫމާތު ހޯއްދެވުމަށާއި އަދި ބޭންކް އޮފް މޯލްޑިވްސް އަކީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކުންފުންޏެއްކަމަށްވުމުން، އެ ކޮމިޓީއަށް މި މައްސަލަ ފޮނުއްވުމަށް ނިންމެވިއެވެ.) 2. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ކަންކަން ފެއްޓެވޭނެ ތާރީޚެއް ހޯއްދެވުމާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނިމެނޭޖްކުރުމުގެ ކަންކަން ފެއްޓުމާމެދު ކަމާ ބެހޭ ފަރާތްތަކުގެ ވިސްނުން ހުރި ގޮތް ސާފުކުރެއްވުން (މި މައްސަލައަކީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ، މި މައްސަލަ އެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ.)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA