ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

20 ޖުލައި 2020 10:00 ނަންބަރު 17

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، ކޮމިޓީއަށް ފޮނުވާފައިވާ ސިޓީތަކާއި މެދު ގޮތެއް ނިންމެވުމެވެ. އެގޮތުން؛ 1. ޏ. ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ގޮތަށް އަދި މާލެ ސިޓީގައި ބަހުގެ ޚިދުމަތް ދިނުމަށް އެމް.ވީ.ކޭ ކުންފުންޏާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށް ޤާނޫނާއި ޚިލާފަށް ބާތިލްކޮށް، އެ ކުންފުނި ދަރަނިވެރިކޮށްފައިވާތީ އެކަން ބައްލަވައިދެއްވައި އެމް.ވީ.ކޭ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯއްދެވުމުގައި ޢަމަލުކުރަންވީ ގޮތެއް އަންގައިދެއްވުމަށް އެދި އެމް.ވީކޭ މޯލްޑިވްސް އިބްރާހީމް ޝަފީޤް 9 ޑިސެމްބަރު 2020 ގައި ފޮނުއްވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން؛ މި މައްސަލައަކީ ކޯޓު މަރުޙަލާގައިވާ މައްސަލައަކަށް ވާތީ، އެކަން ބަޔާންކޮށް ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅުއްވައިގެން މައްސަލަ ކުރިއަށް ގެންދެވުމަށް މައްސަލަ ހުށަހެޅުއްވި ފަރާތައް ދެންނެވުމަށް ނިންމެވިއެވެ. 2. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައިވާގޮތުގެމަތިން ބައެއް ވުޒާރާތަކުން މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަމަށްވިދާޅުވެ، އިންފޮމޭޝަން ކޮމިޝަނަރ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ޙިއްޞާ ކުރައްވާފައިވާތީ، އިންފޮމޭޝަން ކޮމިޝަނަރއަށް އެއްބާރުލުންދެއްވުމަށް އެދި ސަރުކާރުގެ ވުޒާރަކުގައި ދެންނެވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން 20 ނޮވެމްބަރު 2020 ގައި ފޮނުއްވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން؛ މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރައްވާފައިވާ އިދާރާތައް ސާފުކުރުމަށްފަހު މިމައްސަލަ ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. 3. ރ. މީދޫ އަދި ރ. މަޑުއްވަރީގެ ކުނި އުކާލުމަށް ހަމަޖައްސާފައިވާ ސަރަޙައްދު ފުރި، ރަށުން ބޭރަށް ކުނި ނުގެންގޮސް ގިނަދުވަސްވެފައިވާތީ، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް 29 ޖުލައި 2019 ގައި ފޮނުއްވާފައިވާ މައްސަލަ. އަދި؛ - ފުވައްމުލަކު ސިޓީގައި ކުނި މެނޭޖް ކުރުމާ ގުޅޭގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ކޮމިޓީގެ ބައްދަލުވުމެއްގައި ހުށަހަޅުއްވާފައިވާ މައްސަލަ. އާއި ގުޅޭ ގޮތުން؛ މިދެ މައްސަލައާއި ގުޅިގެން ކުނި މެނޭޖުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، ކުނީގެ މައްސަލަ ހައްލުކުރުމަށް ގެންގުޅުއްވާ ޕްލޭންތަކާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ލިޔުމުން މައުލޫމާތު ސާފުކުރުމަށްފަހު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ބައްދަލުކުރުމަށް ނިންމެވިއެވެ. 4. އދ. ފެންފުށިން ގެސްޓްހައުސް އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ދޫކުރުން ލަސްވަމުންދާތީ، މިމައްސަލަ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ ފަރާތުން އދ. ފެންފުށީގެ ރައްޔިތުން 28 ފެބްރުވަރީ 2019 ގައި ފޮނުއްވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން؛ މި މައްސަލައަކީ ލާމަރުކަޒީ ކޮމިޓީގެ މެންޑޭޓް ތެރޭގައި ހިމެނޭ މައްސަލައެއްކަމަށް ފާހަގަކުރެވޭތީ، މި މައްސަލަ އެ ކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ. 5. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރވުމާ ގުޅޭގޮތުން ރިޓަޔަރމަންޓްގެ އިނާޔާތް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުން އެދި ޢަލީ ނަސީމް، މ.ފަޅުމަތީގެ 28 ފެބްރުއަރީ 2019 ގައި ފޮނުއްވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން؛ މިމައްސަލައި ކޮމިޓީން މީގެ ކުރިން ނިންމާފައިވާ ގޮތުގެ މަތިން ޕޭކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. 6. ތ.އަތޮޅުގައި އެމްޓީސީސީ ދެމުންގެންދާ ފެރީ ނިޒާމްގައި ފެރީގެ ޚިދުމަތް ދެމުން އަންނަނީ އެންމެ ފެރީއެއް ބޭނުންކޮށްގެން ކަމަށްވާތީ، ކޮޅުމަޑުލު ކައުންސިލްއިން ބެލިބެލުމުނ އެނގުނީ ޖިއޮގްރަފިކަލީގޮތުން މިފަދަ ބޮޑު އަތޮޅެއްގައި އެންމެ ފެރީއެއް ބޭނުންކޮށްގެން ފެރީގެ ޚިދުމަތް ދިނުމުން ޚިދުމަތްދޭ އުޅަނދުގެ އިންޖީނަށް ލޯޑުބޮޑުވެ ދޭތެރެ ދޭތެރެއިން އިންޖީނު ހަލާކުވެ ފެރީގެ ޚިދުމަތް މެދުކެނޑިގެންދާކަމަށް ފާހަގަވާއިރު، މިކަމަށް ހައްލެއް ހޯދެއްވުން އެދި ކޮޅުމަޑުލު އަތޮޅު ކައުންސިލުން 23 ފެބްރުވަރީ 2017 ފޮނުވާފައިވާ މައްސަލަ އާއި ގުޅޭ ގޮތުން؛ މިމައްސަލައަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅިފައިވާ މައްސަލައެއް ކަމުން، އަދި މި މައްސަލައާއި ގުޅޭ މައްސަލައެއް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއިން 1 ޑިސެމްބަރު 2019 ގައި ފޮނުވާފައިވާތީ މިމައްސަލަ ނުބެލުމަށް ނިންމެވިއެވެ. 7. (ސްޕެޝަލިސްޓް ޑޮކްޓަރ ޓްރެއިނިންގ ޕްރޮގްރާމް 2019) މި ޕްރޮގްރާމްގެ ދަށުން "ނޭޕާލް އެކަޑަމީ އޮފް މެޑިކަލް ސައިންސް" އަށް އަމިއްލަ ޚަރަދުގައި ކިޔަވަން ދިއުމަށް ޕްލޭސްމަންޓް ނޮމިނޭޓް ކުރުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޢަމަލުކޮށްފައިވަނީ އާންމު އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ޑރ. ރާނިޔާ މަޙްދީ އިމާދު، މ. ލޮކްސްލޮޖް 21 ޖަނަވަރީ 2020 ގައި ފޮނުއްވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން؛ މިމައްސަލައާއި ގުޅޭ ގޮތުން މިމައްސަލައިގައި އަމިއްލަ ޚަރަދުގައި ކިޔަވަން ދިއުމަށް ޕްލޭސްމަންޓް ނޮމިނޭޓް ކުރުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ގެންގުޅުއްވާފައިވާ އުސޫލުތަކާއި މިންގަޑުތައް މައްސަލަ ހުށަހެޅި ފަރާތްތަކަށް ފޮނުވުމަށް ނިންމެވެ. 8. މިހާރުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުގެ ތެރެއިން މަސްވެރިން ބާނާ މަހަށް "ހަމައަގު" ލިބިގެންދާނެކަމަށް ވެފައިވާ ވައުދު، ސަރުކާރަށް އެއް އަހަރު ފާއިތުވެގެން ގޮސްފައިވާއިރު އެ ވައުދު ފުއްދައި ދެވިފައި ނުވާތީ ފިޝަރީޒް މިނިސްޓްރީ އާއި އަދި މަސްވެރިކަމާ ގުޅުންހުރި ކުންފުނިތަކާއި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް އެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިޤް 19 ނޮވެމްބަރު 2019 ގައި ހުށަހަޅުއްވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން؛ މިމައްސަލައަކީ މައްސަލަ ހުށަހެޅުއްވި މެންބަރު ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީ (އިޤްތިޞާދީ ކޮމިޓީ އަދި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ) އަށް ވެސް ފޮނުއްވާފައިވާ މައްސަލައަކަށް ވާއިރު، އިޤްތިޞާދީ ކޮމިޓީން މި މައްސަލަ މައްސަލަ ހުށަހެޅުއްވި މެންބަރުގެ ހާޒިރުގައި އެދިފައިވާ ކުންފުނިތަކާއި މުއައްސަސާތަކާއި ބައްދަލުކޮށް މައުލޫމާތު ސާފުކޮށް ނިންމަވާފައިވާތީ، އެ ކޮމިޓީން މިމައްސަލަ ނިންމަވާފައިވާތީ، މި ކޮމިޓީން އެ މައްސަލަ ނުބެލުމަށް ނިންމެވިއެވެ. 9. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަކި ކުރެއްވުމަށް އެ އޮތޯރިޓީން ނޯޓިސް ދެއްވާފައިވާ، 10 މުވައްޒަފަކު 23 އޮކްޓޫބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން؛ މިމައްސަލައާއި ގުޅިގެން ސިވިލް ސާރވިސް ކޮމިޝަނުން މި މައްސަލަ ނިންމަވައި، ސިވިލް ސަރވިސްގެ ގާވާއިދާއި އެއްގޮތަށް ވަކި ކުރެވުފައިވާކަން އެ ކޮމިޝަންގެ މައުލޫމާތު ތަކުން އެނގެން އޮތުމުން، މައްސަލަ ހުށަހެޅި ފަރާތްތަކަށް މިގޮތަށް ޖަވާބެއް އެރުވުމަށް ނިންމެވިއެވެ. 10. ހުޅުމާލެއިން ކުއްޔަށް ދޫކުރި ބައެއް ފްލެޓްތަކުގެ ޖޫރިމަނާ ސަރުކާރުން މަޢާފުކޮށްދީފައިވީނަމަވެސް، އިބްރާހީމް އަޙްމަދުއަށް ލިބިފައިވާ ފްލެޓް 24-3-08، އަށް ދައްކަންޖެހޭ ފައިސާ މަޢާފުކުށްދީފައި ނުވާތީ، މި މައްސަލަ ބައްލަވައިދެއްވުން އެދި އިބްރާހީމް ޝިޔާމް/ ފްލެޓް 49-G-02 ހުޅުމާލެ 9 ސެޕްޓެމްބަރު 2019 ގައި ފޮނުވައްފައިވާ ސިޓީ އާއި ގުޅޭ ގޮތުން؛ މިމައްސަލައިގައި އެޗް.ޑީ.ސީ އިން ހުޅުމާލެއިން ކުއްޔަށް ދޫކުރި ބައެއް ފްލެޓްތަކުގެ ޖޫރިމަނާ ސަރުކާރުން މަޢާފުކޮށްދީފައިވާ އުސޫލުތަކާއި މިންގަޑުތައް މައްސަލަ ހުށަހެޅި ފަރާތަށް ފޮނުވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

9 ޑިސެމްބަރު 2020

އެމް.ވީ.ކޭ މޯލްޑިވްސް އިން ފޮނުއްވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

20 ނޮވެމްބަރު 2020

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

22 ޖެނުއަރީ 2020

ސްޕެޝަލިސްޓް ޑޮކްޓަރ ޓްރެއިނިންގ ޕްރޮގްރާމް 2019) މި ޕްރޮގްރާމްގެ ދަށުން "ނޭޕާލް އެކަޑަމީ އޮފް މެޑިކަލް ސައިންސް" އަށް އަމިއްލަ ޚަރަދުގައި ކިޔަވަން ދިއުމަށް ޕްލޭސްމަންޓް ނޮމިނޭޓް ކުރުމާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

27 އޮކްޓޯބަރު 2019

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

9 ސެޕްޓެމްބަރު 2019

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

8 އޯގަސްޓު 2019

ފުވައްމުލަކު ސިޓީގައި ކުނި މެނޭޖް ކުރުމާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

29 ޖުލައި 2019

ރ. މީދޫ އަދި މަޑުއްވަރީގެ ކުނީގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

28 ފެބްރުއަރީ 2019

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

28 ފެބްރުއަރީ 2019

އދ. ފެންފުށިން ގެސްޓްހައުސް އެޅުމަށް ބިން ދޫކުރުމާގުޅޭ

ކޮމެޓީ މަސައްކަތް ނިމިފައި

23 ފެބްރުއަރީ 2017

ތ.އަތޮޅުގައި ދެމުންގެންދާ ފެރީ ޚިދުމަތާގުޅޭ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA