ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

25 މޭ 2021 14:30

ނަންބަރު

29

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ޤުދުރަތީ ކާރިސާތަކުގެ ސަބަބުން، ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންޝުއަރެންސް ނިޒާމެއް އޮތުމަކީ މުހިންމުކަމެއް ކަމުގައިވެފައި، ރަނގަޅު ހަރުދަނާ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފުރިހަމަކުރުމަށްފަހު، އެ މަސައްކަތް އިޤްތިޞާދީ ކޮމިޓީން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމަވާފައިވާތީ، މިނިސްޓްރީން ފޮނުއްވާފައިވާ ކަރުދާހުގެ އިތުރުން އެފަދަ އިންޝުއަރެންސް ނިޒާމެއް އެކުލަވާލުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް އިންޝުއަރެންސް ކުންފުނިތަކާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ނުކުތާތައް: - 2015 ވަނަ އަހަރު މިނިސްޓްރީ އޮފް ފިޝަރީޒް އިން އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް، ދަނޑުވެރިންނަށް އިންޝުއަރެންސް ފޯރުކޮށް ދިނުމަށް ޕޮލިސީއެއް އެކުލަވާލެވިފައިވާކަމަށާއި، އެގޮތުގެ މަތިން 36 އިންޝުއަރެންސް ޕޮލިސީއެއް ވިއްކިފައިވީ ނަމަވެސް، އެކިއެކި ސަބަބުތަކާއި ހެދި އެޕޮލިސީތައް ކުރިއަށް ނުގެންދެވި ހުއްޓިފައިވާކަން. - ރާއްޖެއަކީ މައިގަނޑު ގޮތެއްގައި މޫސުމީ ދަނޑުވެރިކަމެއް ކުރަމުން އަންނަ ކުޑަ ގައުމަކަށްވާއިރު، މިފަދަ ކަމެއް ކުރުމަށްޓަކައި ދަނޑުވެރިން އިންޝުއަރެންސް ސްކީމް އެއްގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއް ކަމަކަށް ހެދުމަކީ މުޙިންމުކަމެއް ކަމަށް. - ދަނޑުވެރިންގެ އެސޯސިއޭޝަންއެއް ޤާއިމްކުރެވިފައިވާނަމަ، ދަނޑުތަކުގެ ސްޓޭންޑަޑް އަދި ރިކްއާރމަންޓްސަށް ބަލައި އޭގެ މައްޗަށް އިންޝުއަރެންސް ސްކީމެއް އެކުލަވާލުމަށް ފަސޭހަވާނެކަމަށް. - ސަރުކާރުން ހޭލުންތެރިކަމުގެ ޕްރޮޤްރާމްތައް ހިންގައި، ސަރުކާރުގެ ބޮޑު ހިއްސާވުމަކާއި އެކު އެގްރޯ ކޯޕަރޭޝަން ފަދަ ކުންފުންޏެއް މެދުވެރިކޮށް ރާއްޖޭގައި ހިންގަމުންދާ ހުރިހާ އިންޝުއަރެންސް ކުންފުނިތަކެއް އެކުވެގެން ދަނޑުވެރިންނަށް މިފަދަ ޕޮލިސީއެއް އެކުލަވާލައި ފެއްޓުމަށް ފަސޭހަވެގެން ދާނެކަމަށް. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2016/29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަނޑި ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ތާރީޙަކީ 15 ޖޫން 2021 ކަމުގައި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA