ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

14 ޖޫން 2021 14:00

ނަންބަރު

37

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަކަމަކަށް ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް … އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ހެދުމަށް މުއްދަތެއް ހިމެނުމާއި މެދު އެޓާރނީ ޖެނެރަލް އޮފީހުގެ އެލަފާގެ މަތިން ގަވާއިދުތައް އެކުލަވާލުމަށް 3 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ނިންމެވިއެވެ. އަދި ކޮމިޓީން ގެނެވުނު އިޞްލާޙުތަކާއި އެކު ބިލުގެ މަސައްކަތް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީގެ އަޢްލަބިއްޔަތުން ފާސްކުރެވިއެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ރާއްޖޭގެ ފްރައިޓް ފޯރވާޑިންގ ވިޔަފާރިތަކެއްގައި ހިނގަމުން އަންނަ ބައެއް ކަންކަމާގުޅޭ ޝަކުވާ ހުށަހަޅުއްވާފައިވާތީ އެކަންކަން ބައްލަވައިދެއްވުން އެދި ފޮނުއްވާފައި ސިޓީއާއި މެދު މަޝްވަރާކުރުމެވެ. އެގޮތުން، މިމައްސަލައާއި ގުޅޭގޮތުން ފްރައިޓް ފޯރވާޑިންގ ވިޔަފާރީތަކާއި، ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވިޔަފާރި އުސޫލުން ހިންގާ ފްރެއިޓް ފޯވަރޑިންގގެ ވިޔަފާރި ޙަރަކާތްތައް ހިންގުމާގުޅޭ އުސޫލުތަކާއި، ވިޔަފާރި ޙަރަކާތް ރަޖިސްޓަރީކުރުމާއި، ވިޔަފާރި ޙަރަކާތް ހިންގުމުގައި ޢަމަލުކުރަންޖެހޭ މިންގަޑުތަކާއި އުސޫލުތައް ބަޔާންކޮށް އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2020/R-15 (ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގެ ޚިދުމަތްތައް) އާއި، ދިވެހިރާއްޖޭގެ ބަނދަރުތަކަށް އަންނަ އާގުބޯޓުފަހަރަށް ފޯރުކޮށްދޭ ޝިޕިންގ އޭޖެންސީގެ ޚިދުމަތްދިނުމުގައި ޢަމަލުކުރަންޖެހޭ މިންގަޑުތަކާއި އުސޫލުތައް ބަޔާންކޮށް އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2020/R-114 (ޝިޕިންގ އެޖެންސީއާބެހޭ ގަވާއިދު) އަށް ޢަމަލުކުރަން ފެށިފަހުން ފްރެއިޓް ފޯވަރޑިންގގެ ދާއިރާގައި ދިމާވަމުންދިޔަ މައްސަލަތަކުގެ ތެރެއިން ޙައްލު ލިބިފައިވާ މައްސަލަތަކާއި، މިހާތަނަށް ޙައްލު ލިބިފައިނުވާ މައްސަލަތަކާއި ކަންބޮޑުވުންތައް، އަދި އެ ދާއިރާގައި ދިމާވަމުންދާ މައްސަލަތަކަށް ޙައްލު ލިބިފައިވާ މިންވަރާއި، ފްރެއިޓް ފޯވަރޑިންގގެ ދާއިރާގައި ދިމާވަމުންދާ ދަތިތައް ޙައްލުކުރުމަށް މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. ތިންވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީއަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ-2110)އާއެކު ބޭއްވުނު ބައްދަލުވުމުގައި އެ އެސޯސިއޭޝަންއިން ހިއްސާކުރެއްވި މަޢުލޫމާތާމެދު މަޝްވަރާކުރުމެވެ. އެގޮތުން، އެފަރާތުން ބައްދަލުވުމުގައި ފާހަގަކުރެއްވި މައްސަލަތަކާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA