ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

23 އޮކްޓޯބަރު 2019 11:00

ނަންބަރު

53

މާލިއްޔަތު ކޮމިޓީގެ 53 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޯޓުތަކުން ބަލާ މައްސަލަތައް ވަކިގޮތަކަށް ނިންމުމަށްޓަކައި ކޯޓުތަކުގައި މަސައްކަތްކުރައްވާ ބައެއް ފަނޑިޔާރުން ފައިސާ ނަގާކަމަށް، ލެޓްސް ގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޔާޒު، މިނިސްޓަރ އޮފް ޓޫރިޒަމްއަށް ދަންނަވާފައިވާކަމަށް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވެފައިވާ މައްސަލައިގައި މާލިއްޔަތު ކޮމިޓީއިން ހޯދާފައިވާ މައުލޫމާތުތައް މެންބަރުންނާ ހިއްޞާކޮށް މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އެފަރާތުން ކޮމިޓީއާ ޙިއްސާކުރެއްވި ސިޓީގައި ފާހަގަކުރައްވާފައިވާ މަޢުލޫމާތުތަކަކީ ކޯޓުތަކުގެ އެކިއެކި މަރުޙަލާގައި ހިނގާފައިވާ ކަންތައްތަކެއްކަމަށްވުމާއެކު، މި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނެވުމަށާއި މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ. 2. އެއަށްފަހު، ދިވެހިރާއްޖޭގެ ޗާރޓެޑް އެކައުންޓެންޓްސްގެ ބިލް މާލިއްޔަތު ކޮމިޓީއަށް ޙިއްޞާކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހާއެކު ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުމަށް އެދި އެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، 30 އޮކްޓޫބަރު 2019 ގައި ބައްދަލުވުން ހަމަޖެއްސެވުމަށް ނިންމެވިއެވެ. 3. މީގެ އިތުރުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ފޮނުއްވާފައިވާ އަސާސީ އަދި ރިޓަޔަރމެންޓް ޕެންޝަން ދިނުމުގެ އުޞޫލާއި މެދު މަޝްވަރާކުރެއްވިއެވެ. މިއީ މަޢުލޫމާތަށްޓަކައި ފޮނުވިފައިވާ ސިޓީއެއް ކަމަށްވުމުން ސިޓީ ފައިލްކުރެއްވުމަށް ނިންމެވިއެވެ. 4. އެހެނިހެން ކަންތައްތަކަށް ކަނޑައެޅިފައިވާ ވަގުތުގައި، ބޮސްކާލިސް ވެސްޓްމިންސްޓާ ލިމިޓެޑަށް ބިޑުނުކޮށް ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢު ޙަވާލުކުރައްވާފައިވާ މައްސަލައިގައި ކަން ހިނގާފައިވާގޮތް ސާފުކުރެއްވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ތާޢީދުކުރައްވައި ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައިނުވާތީ، މި މަޢުލޫމާތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހޯއްދެވުމަށް ނިންމެވިއެވެ. މީގެއިތުރުން، ބޭންކުތަކަށް ދިމާވާ ގޮންޖެހުންތައް ސާފުކުރެއްވުމަށް ބޭންކުތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ތާޢީދުކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA