މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 63 ވަނަ ބައްދަލުވުން

2 ޑިސެމްބަރު 2019 11:00 ނަންބަރު 63

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވެފައިވާ އެއްބަސްވުންތައް ކުރީގެ ސަރުކާރުން ބާޠިލްކުރުމުގެ ސަބަބުން ދައުލަތުން ބަދަލުގެ ގޮތުގައި އެފަރާތަށް ދައްކަންޖެހުނު ފައިސާ ދިނުމުގައި ކަންހިނގާފައިވާގޮތް ސާފުކުރެއްވުމުގެ މައްސަލައާމެދު މަޝްވަރާކުރެއްވުން ކުރިއަށް ގެންދެވިއެވެ. އެގޮތުން މި މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށް ކަމާގުޅޭ ފަރާތްތަކަށް ފޮނުއްވުމަށް ނިންމަވައި އަދި ކުރީގެ މިނިސްޓަރ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޢިއްޒު މި މައްސަލައިގައި ކޮމިޓީގައި ދޮގު މަޢުލޫމާތު ދެއްވި މައްސަލަ ޕޮލިހަށް ހުށަހެޅުއްވުމަށް ނިންމަވައި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. 2. އެއަށްފަހު، ދައުލަތުން އެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތަކާމެދު ގެންގުޅޭ އުޞޫލުތައް މުރާޖަޢާކޮށް، ދައުލަތަށް ބުރަނުވާނޭ އުޞޫލެއް ޤާއިމްކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރާމެދު މަޝްވަރާކުރެއްވުން ކުރިއަށް ގެންދެވިއެވެ. އެގޮތުން މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ތިރީގައި ދެންނެވިފައިވާ ރިކޮމެންޑޭޝަންތައް ހިމެނުމަށްފަހު ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. • ހުށަހަޅުއްވާފައިވާ ޤަރާރު، ކޮމިޓީއަށް ފޮނުއްވާފައިވާ ގޮތަށް ފާސްކުރެއްވުމަށް. އަދި ޤާރާރަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި މާލިއްޔަތު ކޮމިޓީއިން ޤާނޫނުތަކަށް އަންނަނިވި އިސްލާޙްތައް ގެނެއުމަށް ބާރު އެޅުއްވުމަށް ނިންމެވި • މަދަނީ އިޖުރާޢަތުގެ ޤާނޫނު ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އެޓަރނީ ޖެނެރަލުގެ އޮފީހުން އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް އެޓަރނީ ޖެނެރަލަށް ދެންނެވުމަށް؛ • ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ބަދަލު ދޭންޖެހޭނެ ގޮތުގު އުޞޫލެއް ބަޔާންކޮށްފައިނުވާތީވެ، ކޮންޓްރެކްޓް ޤާނޫނުގައި ބަދަލުގެ ގޮތުގައި ނެގޭނެ އުޞޫލާއި، ޖޫރިމަނާގެ ގޮތުގައި ފައިސާނަގައި ދެވޭނެކަމަށް ކަނޑައަޅާނަމަ، އެ އުޞޫލެއް އެ ޤާނޫނުގައި ހިމެނުމުގެ މަސައްކަތްކުރެއްވުމަށް އެޓަރނީ ޖެނެރަލަށް ދެންނެވުމަށް؛ • ސަރުކާރުން ސޮއިކުރާ އެއްބަސްވުންތަކުގައި ބަދަލު ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅަށް ޖެހޭނެކަމަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް ލާޒިމުކޮށް، ދައުލަތުގެ މާލިއްޔަތު ގަވާއިދު އިޞްލާޙުކުރުމަށް މިނިސްޓަރ އޮފް ފިނޭންސަށް ދެންނެވުމަށް؛ • ސަރުކާރުން އެކިފަރާތްތަކާ އެކު ވެވޭ އެއްބަސްވުންތަކުގައި، ބަދަލުދޭވޭނެ އެންމެ މަތީ މިންގަނޑު ކަނޑައެޅުއްވުމަށްފަހު، އެ ކޮންޓްރެކްޓްތަކުގައި ހިމެނުމަށް އެޓަރނީ ޖެނެރަލަށް ދެންނެވުމަށް؛ • ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގައި ދައުލަތުގެ މުވައްޒަފަކު، އެނާގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި، އިހުމާލުވެގެން ދައުލަތަށް ގެއްލުމެއް ލިބިއްޖެނަމަ، އެގެއްލުމަކަށް އެމުވައްޒަފަކު ފަރުދީގޮތުން ޒިންމާވާންޖެހޭނެކަމަށް ހިމަނައި، އެ ޤާނޫނޫ އިޞްލާހުކުރުމަށް އެޓަރނީ ޖެނެރަލަށް ދެންނެވުމަށް؛ އަދި • ސަރުކާރުން އެކިފަރާތްތަކާމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތަށް ޚަރަދުކުރަންޖެހިދާނޭކަމަށް ލަފާކުރެވޭ ފައިސާގެ ތަފްޞީލު ހޯދައި، އެ މަޢުލޫމާތު މަޖިލީހުން ދިރާސާކުރުމަށެވެ. 3. މީގެއިތުރުން، އެހެނިހެން ކަންތައްތަކަށް ކަނޑައެޅިފައިވާ ވަގުތުގައި ޖީއެމްއާރް މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ ބެއްލެވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢީދުކުރެއްވިއެވެ. އެހެންކަމުން މި މައްސަލަ ކޮމިޓީގެ އެޖެންޑާގައި ހިމަނުއްވައިގެން ކުރިއަށް ގެންދެވުމަށް ނިންމަވައި ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 ޑިސެމްބަރު 2019

ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

14 އޮކްޓޯބަރު 2019

ދައުލަތުން ބަދަލުގެ ގޮތުގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއަށް ދައްކަންޖެހުނު ފައިސާ ދިނުމުގައި ކަންހިނގާފައިވާގޮތް ސާފުކުރެއްވުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA