ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2021 11:00

ނަންބަރު

1

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2021 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީތަކާއި މެދު ގޮތެއް ނިންމެވުމެވެ. އެގޮތުން؛ 1. ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ވެރިކަމުގައި ވެރިކަން ހިންގުމަށް ޢަމަލުކުރައްވަމުން ގެންދަވަނީ ޤާނޫނުއަސާސީއިން ބާރުލިބިފައިނުވާ ކޯލިޝަނެއް އުފައްދައިގެންކަމަށާއި، އަދި ވަޒީރުންގެ މަޖިލީހުގެ ވުޒާރާތައް އެކިއެކި ޕާޓީތަކަށް ވަކި އިންސައްތައެއް ކަނޑައަޅުއްވައިގެން ސްލޮޓްތަކެއް ބަހާލާފައިވާ ނިޒާމެއްގެ ދަށުންކަމަށްވާތީ، މި ކޯލިޝަނަށް ބާރުލިބިދެނިވި އެގްރީމެންޓެއް ހެދިފައިވޭތޯ ސާފުކުރެއްވުމަށް އެދިފައިވާ މައްސަލަ؛ މި މައްސަލައާއި ގުޅިގެން އެދިފައިވާ މަޢުލޫމާތު ސާފުކުރެއްވުމަށް އެޓަރނީ ޖެނެރަލްއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. 2. ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލަ؛ މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަވަން ބޭނުންނުވާކަމަށް އެ މައްސަލަ ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ދެންނެވުމުން، އެކަމަށް ކޮމިޓީގެ އެއްވެސް މެންބަރެއް އިއުތިރާޒް ނުކުރައްވާތީ އެ މައްސަލަ ފައިލްކުރުމަށް ނިންމެވިއެވެ. 3. ސިފައިންގެ އާމަރީގައި ހުރި ހަތިޔާރު އާމަރީއިން ބޭރުވެ ބ. އަތޮޅު ހިނބަޅިދޫގެ ފަޅުބޭރުން ފެނުނު މައްސަލައިގެ ތަޙްޤީޤް ކުރިއަށްނުދާ މައްސަލަ؛ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ބައްލަވަމުންގެންދަވާތޯ ސާފުކުރެއްވުމަށާއި، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ ޚިލާފަށް މަޖީދިއްޔާ ސްކޫލުގެ އަލިމަސް ޔޫބިލްގެ ސްޓީއަރިން ކޮމިޓީގެ ޗެއަރމަން މާލޭގެ ބައެއް ބިންތައް ކުއްޔަށްދީ އެއިން މަންފާހޯއްދަވަމުން ގެންދަވާކަމަށްބުނެ ހުށަހަޅުއްވާފައިވާ މައްސަލައާއި، ނަސަންދުރަ ހޮޓެލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ޗައިނާގެ ކުންފުންޏާ ދައުލަތާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުންތަކުގެ ވާހަކަ ރަސްމީ ލިޔެކިއުންތަކުން އެނގެން ނެތްކަމަށާއި އަދި އެއަރ މޯލްޑިވްސް ހިންގި އޮފީސް ޢިމާރާތް ތަޅާލައި ނަސަންދުރަ ހޮޓެލްގެ ބިމާ އެއްކޮށްލައިގެން މަސައްކަތްކުރިއަށްދާ ކަމަށްބުނާ މައްސަލަ؛ މި މައްސަލައިގައި ކަމާގުޅުންހުރި އިދާރާތަކުން (މާލެ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. 4. 4. ޅ.މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި 5 އޭޕްރީލް 2011 ގައި ހަމަޖައްސައި، ޅ.މާފިލާފުށީގައި ދިރިއުޅެމުންދާ އާއިލާތައް، އެހެން ރަށަކަށް ނުވަތަ އެހެން ރަށްތަކަކަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިޔާގެ އޮފީހުގެ ނަންބަރު 67/2013/138/ސީބީއޯ (އެސް)-1 އިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރއަށް ހިއްސާކޮށްފައިވާ އުސޫލަށް ވޭތުވެދިޔަ 2 ސަރުކާރުން ބަދަލުގެނެސް އެ އުސޫލު ދެމެހެއްޓުމުގެ ސަބަބުން ލިބިދޭންޖެހޭ ހައްޤު ގެއްލިފައިވާކަމަށް ބަޔާންކޮށް ފޮނުއްވާފައިވާ މައްސަލަ؛ އެ މައްސަލައިގައި ޢަމަލުކޮށްފައިވަނީ ރަނގަޅު އުޞޫލެއްގެ ދަށުންކަމަށް ކޮމިޓީއަށް ޤަބޫލުކުރެވޭކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދިނުމަށް ނިންމުނެވެ. 5. 5. ދައުލަތުގެ އިދާރާއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެއްގެ ދަށުން މަސައްކަތްކުރައްވަމުން ދަނިކޮށް، އެކަމަށް އެކަށީގެންވާ ތަޙްޤީޤެއް ހިންގުމަކާ ނުލައި 03 އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާތީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް ފިނޭންސްއިން އެ މައްސަލަ ނިންމެވުމުގައި ޢަމަލުކޮށްފައިވާގޮތް ބައްލަވައިދެއްވުން އެދި އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ މައްސަލަ؛ އެ މައްސަލައިގައި މައްސަލައާ ގުޅުންހުރި މުއައްސަސާތަކުން ޢަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ކޮމިޓީއަށް ފާހަގަކުރެވޭކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދިނުމަށް ނިންމުނެވެ. 6. ފުވައްމުލަކު ސިޓީގައި ކުނި މެނޭޖް ކުރުމާ ގުޅޭގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅޭ މައްސަލަ؛ އެ މައްސަލަ ހައްލުކުރެވެމުންދާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށް މައްސަލަ ހުށަހެޅުއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ދެންނެވުމުން، އެކަމަށް ކޮމިޓީގެ އެއްވެސް މެންބަރެއް އިއުތިރާޒް ނުކުރައްވާތީ އެ މައްސަލަ ފައިލްކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA