ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީ (ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރާ)

ތާރީޚް

8 ޖޫން 2021 19:00

ނަންބަރު

1

2021 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތެވެ. މިގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ތާއީދު ކުރައްވައި ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުންނެވުމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުންނެވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ތާއީދު ކުރައްވައި ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ނައިބު މުޤައްރިރެއްގެ ގޮތުގައި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުންނެވުމަށް ފާސްކުރެއްވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކުރިއަށް ގެންދާނެގޮތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން މިދެންނެވި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގައި ބަޔާކޮށްފައިވާ ދައުލަތުން މާލީ ޒިންމާއެއް އުފުލަންޖެހޭ ބިލެއް ކަމުން، މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ތަޢާރުފުކުރާއިރު ކޮސްޓް އެސްޓިމޭޓެއް ހުށަހަޅަންވާނެކަމަށް އެ ގަވާއިދުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ސަރުކާރުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ތަޢާރުފުކުރެއްވިއިރު، މިދެންނެވި ކޮސްޓް އެސްޓިމޭޓް ބިލާއެކު ހުށަހަޅުއްވާފައިނުވާތީ، މި ބިލުން ދައުލަތުގެ ބަޖެޓުން ޚަރަދުވާނެކަމަށް އަންދާޒާކުރާ މިންވަރާ އޭގެ ތަފްޞީލީ މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ފިނޭސްއަށް ސިޓީ ފޮނުއްވުމަށާއި އަދި މިބިލާ ގުޅޭގޮތުން ކޮމެންޓް ހޯއްދެވުމަށް މިނިސްޓްރީ އޮފް ޑިފެންސްއަށް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ. ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ސަބް ކޮމިޓީއާ ހަވާލުކޮށް ނިންމާނެ ތާރީޚަކަށް މައި ކޮމިޓީން ނިންމާފައިވާ މުއްދަތުގައި އެ ބިލު ދިރާސާކޮށް ނިންމާނުލެވޭނެތީ، ބިލު ދިރާސާ ކުރެއްވުމުގެ ސުންގަޑި އިތުރުކޮށްދެއްވުމަށް އެދި މައި ކޮމިޓީއަށް ސިޓީއެއް ފޮނުއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA