ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

6 ސެޕްޓެމްބަރު 2021 12:55

ނަންބަރު

32

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 120 ވަނަ މާއްދާގެ ދަށުން، ކޮމިޓީގެ މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން، މުޤައްރިރުގެ ނައިބުގެ މަޤާމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲގެ ނަންފުޅު، ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި އަދި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢީދުކުރައްވައި، ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލަންޖެހޭ "އިންޝުއަރެންސްއާ ބެހޭ ބިލު"ގެ މަސައްކަތް ކުރިޔަށްދާގޮތާއި ނިންމޭނެ ތާރީޚެއް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއިން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ބިލުގެ މަސައްކަތް 31 އޮކްޓޫބަރު 2021 ގެ ނިޔަލަށް ނިންމެވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރައްވައި، ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޟް ކުރައްވާފައިނުވާތީ، އެގޮތަށް ނިންމެވިއެވެ. މީގެ އިތުރުން، ސިޔާސީ ގޮތުން ޞިއްހީ މަރުކަޒުތަކަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ފަރާތްތަކުގެ މަސައްކަތާ ގުޅޭގޮތުން ބަޖެޓް ދިރާސާކުރައްވާ ކޮމިޓީއާ 07 ސެޕްޓެންބަރު 2021 ގައި ބައްދަލުކުރުމަށް އެދި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ބަޖެޓް ދިރާސާކުރާ ކޮމިޓީއަކީ ދައުލަތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން މަސައްކަތް ފައްޓާ ކޮމިޓީއެއް ކަމަށާއި، އެ ފަރާތުން މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވާ ކަންކަން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށް އެ ފަރާތަށް ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުގައި ހިމެނި، ކޮމިޝަނުގެ ދާއިމީ މުވައްޒަފުންނަށް މަސައްކަތަށް ޙާޒިރުވާ ކޮންމެ ދުވަހަކަށް 225/- (ދުއިސައްތަ ފަންސަވީސް) ރުފިޔާގެ ރޭޓުން އެއްމަސް ދުވަހަށް ރިސްކް އެލަވަންސް ދިނުމަށް ކޮމިޝަނުން ފާސްކުރެވިފައި ވީނަމަވެސް، މި ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިބިފައިނުވާތީ މި މައްސަލަ ހައްލުކޮށްދެއްވުން އެދި އެ ކޮމިޝަނުން 17 މޭ 2021 ގައި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްއިން ކޮމިޓީއަށް ދެއްވާފައިވާ ޖަވާބު އެ ކޮމިޝަނަށް އެންގުމަށް ނިންމެވިއެވެ. މީގެ އިތުރުން، ކ. ހުރާގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ގަވާއިދާ ޚިލާފަށް ޢަމަލު ކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް ތަޙްޤީޤް ކޮށް، ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވައި، މި މައްސަލައިގައި ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ފައިސާ ހޯދައި ދިނުމަށް އެދި 14 އެޕްރީލް 2021 ގައި އަހުމަދު މުޖުތަބާ (ސަމާ/ކ.ހުރާ)، ހަސަން އަޒުލީމް (ރޭވަ/ކ.ހުރާ)، މުހައްމަދު އީސާފުޅު (ހުޅެވިހިނދު/ކ.ހުރާ) އަދި އަޙްމަދު ނިހާދު (ނަރުގިސްވިލާ/ކ.ހުރާ) ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މި މައްސަލައިގައި، ކޮމިޓީއަށް ލިބިފައިވާ ސިޓީތަކުގެ ތެރެއިން، މުހައްމަދު އީސާފުޅު (ހުޅެވިހިނދު/ކ.ހުރާ) ފޮނުއްވި ސިޓީ ފިޔަވައި، އެހެން ފަރާތްތަކުން ފޮނުއްވާފައިވާ ސިޓީތަކަކީ އެހެން އިދާރާތަކަށް ފޮނުއްވައި، މަޖިލީހުގެ އިދާރާއަށް ކޮޕީ ކޮށްފައިވާ ސިޓީތަކެއް ކަމުން، މުހައްމަދު އީސާފުޅު (ހުޅެވިހިނދު/ކ.ހުރާ) އަށް ކޮމިޓީގެ ނިންމުން ޙިއްޞާކުރެއްވުމަށް ނިންމެވިއެވެ. އެގޮތުން، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާކަމާއި، އަދި މި މަސައްކަތް އަވަސް މަސައްކަތެއްގެ ގޮތުގައި ކޮމިޓީން ކުރައްވާނެ ކަމަށް އެފަރާތަށް ދެންނެވުމަން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA