ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

20 އޮކްޓޯބަރު 2021 11:10

ނަންބަރު

14

2021 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވިއެވެ. އެންމެ ފުރަތަމަ، މުލީގެ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް، އެއާޕޯޓް ތަރައްޤީ ކުރާނެ ޕްލޭނެއް މުލީ ކައުންސިލުން ފާސްކޮށް ރައްޔިތުންނާ ހިއްސާކޮށް ރަށުގެ ލޭންޑްޔޫސް ޕްލޭންގައި ހިމެނިފައި އޮއްވާ އަދި ސަރުކާރުގެ މުއައްސަސާތަކުން މުލީ ކައުންސިލާއި އެ ޕްލޭން ކުރިން ހިއްސާކޮށްފައިވަނިކޮށް، ކުއްލިއަކަށް މުއްޔަށް ނުހަނު ގެއްލުންވާނެގޮތަށް އާ ޕްލޭނެއް އެކުލަވާލައި އާ ކުރެހުމެއް ތައްޔާރުކޮށް ކައުންސިލާއި ރައްޔިތުންނާ ހިއްސާކުރުމެއްނެތި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންގެ ނުފޫޒާއި ބާރާއެކު ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ އެ މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، އެ މައްސަލަ ކުރިއަށްގޮސްފައިވާ މިންވަރު ބެއްލެވުމަށް މުލީ ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި، ޒަލްދާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ތެލުގެ ވިޔަފާރި ކުރުމަށް ގ.އ ވިލިނގިލިން ދޯކޮށްފައިވާ ބިމާބެހޭގޮތުން މިނިވަން މުވައްސަސާ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރައްވަމުން ގެންދެވި މައްސަލަ 1 އަހަރާއި 9 މަހާއި 22 ދުވަސް ފާއިތުވެފައިވާއިރުވެސް އެ މައްސަލަ ނިމިފައިވާ ގޮތުގެ މަޢުލޫމާތު ގ.އ ވިލިނގިލީ ކައުންސިލްގެ އިދާރާއަށް އަންގާފައިނުވާތީއާއި އަދި އެ މައްސަލަ ނުނިމި އަހަރުތަކެއް ވަމުން ދިއުމުގެ ސަބަބުން އެ ކޮމްޕެނީން ކުއްޔެއް ދިނުމަކާނުލައި އެ ބިން ބޭނުންކުރަމުން ގެންދާތީ ހުށަހަޅުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން ބައްލަވަމުންދާތީ އެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ. ހަމައެއާއެކު، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ދިރިއުޅެމުންދާ ފިޔަވަތި މަރުކަޒުގައި 17 ސެޕްޓެންބަރު 2021 ވަނަ ދުވަހު ހިނގާ ދިޔަ ކަންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުއްވާފައިވާ މައްސަލައިގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA