ކޮމިޓީގެ ނަން

ބަޖެޓް ދިރާސާކުރާ ކޮމިޓީ

ތާރީޚް

1 ނޮވެމްބަރު 2021 11:10

ނަންބަރު

1

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ 01 ވަނަ ބައްދަލުުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އެކައުންޓްސް، ޝަބާނާ ރަޝީދެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، 1 ހުށަހެޅުން ހުށަހެޅިގެން ދިޔައެވެ. އެއީ، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ޢަބްދުﷲ ތާއީދުކުރެއްވި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ގެ ނަންފުޅެވެ. ހުށަހެޅުމާއި އެއްގޮތަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްގެ ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން (22 ވޯޓުން) ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހުށަހެޅިގެން ގޮސްފައިވަނީ 1 ހުށަހެޅުމެވެ. އެއީ، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުށަހަޅުއްވައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ޢަބްދުﷲ ތާއީދުކުރެއްވި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިންގެ ނަންފުޅެވެ. އަދި، ހުށަހެޅި ތާއީދު ލިބިފައިވާ ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން (22 ވޯޓުން) އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ކޮމިޓީގެ މުޤައްރިރުގެ ނައިބު ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީއިން ފާސްކޮށްފައިވާ ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރުމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން (17 ވޯޓުން) ފާސްވެފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަޖެޓު ދިރާސާކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ސިޓީ ފޮނުއްވުމަށް ކޮމިޓީގެ އިއްތިފާޤުން (17 ވޯޓުން) ނިންމެވިއެވެ. އަދި، މިނިވަން މުއައްސަސާތަކަށް 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން އެ މުއައްސަސާތަކުގެ ޚިޔާލު ހޯއްދެވުމަށް 5 ދުވަހުގެ މުޙުލަތެއް ދެއްވައި 08 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ލިޔުމުން ޖަވާބުދެއްވުމަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އެ މުއައްސަސާތަކުން ފޮނުއްވާ ހިޔާލުތަކަށް ރިޢާޔަތްކުރުމަށްފަހު މިނިސްޓަރ އޮފް ފިނޭންސް އާ ބައްދަލުކުރެއްވުމަށްވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA