މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

10 ފެބްރުއަރީ 2020 12:30 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގައި ކައުންސިލްގެ އެންމެ އިސް އިދާރީ މަޤާމަކީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުކަމަށް ކަނޑައެޅުއްވުމާ ގުޅިގެން، އެ މަޤާމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ހަމަޖެއްސި މުސާރައާއި ޢިނާޔަތްތަކަކީ ކައުންސިލްގެ އިންތިހާބީ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތަކާ ގުޅުންހުރި މުސާރައާއި ޢިނާޔަތްތަކެއް ކަމުގައިވާތީ، އެ މަޤާމުތަކަށް ހަމަޖެއްސުމަށް ފެންނަ މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލް ހިމަނުއްވައި ކޮމިޝަނުން ފޮނުއްވާފައިވާ ނަންބަރު 478-NPC/57/2020/1 (9 ޖަނަވަރީ 2020) ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 112 ވަނަ މާއްދާގެ (މ) ގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކަނޑައެޅުމުގައި އެހެން ކޮމިޓީތަކުގެ މަޝްވަރާ ހޯދުން ހިމަނުއްވާފައިވާތީ، މިކަމާ ގުޅޭގޮތުން ހުރިހާ ކޮމިޓީއެއްގެ ޚިޔާލުފުޅު ހޯއްދެވުމަށް ނިންމެވިއެވެ. މީގެ އިތުރުން، ނޭޝަނަލް ޕޭ ކޮމިޝަނުން މުސާރައާއި ޢިނާޔަތްތައް ހަމަޖެއްސެވުމުގައި ބެއްލެވި އަސާސާއި، އަދި މުސާރައާއި ޢިނާޔަތްތައް ބޮޑުކުރެއްވުމަށް ނިންމެވި އުޞޫލާއި އަދި މިވަގުތު ޙާއްޞަ ޙާލަތެއްގައި ޤައުމުގެ މާލީކަންކަން ވީހިނދު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިނިސްޓްރީ އޮފް ފިނޭންސުން ނިންމަވާފައިވާތީ، މިފަދަ ދަނޑިވަޅެއްގައި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރެއްވުމަށް ފެނިވަޑައިގަންނަވާތޯ ސާފުކުރެއްވުމަށްވެސް ނިންމެވިއެވެ. އަދި މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސްގެ ލަފާފުޅެއް ހޯއްދެވުމަށް ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު: 13-B3/57/2020/2 (05 ޖަނަވަރީ 2020) ސިޓީއާއެކު ފޮނުއްވާފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ކޭޝްފްލޯ ޕްލޭން ކޮމީޓީއާ ޙިއްސާކޮށް މަޝްވަރާކުރެއްވިއެވެ. މިއީ ކޮމިޓީގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ލިޔެކިޔުންކަމަށްވާތީވެ، ފައިލްކުރުމަށް ނިންމެވިއެވެ. މީގެއިތުރުން، ސިވިލް ކޯޓުގެ ޤަޞިއްޔާ ނަންބަރު 3044/CV/C/2019 އިން ކޮށްފައިވާ ޙުކުމާއި ގުޅިގެން އަބްދުލް ޙާދީ މުޙައްމަދަށް ލިބެންޖެހޭ ފައިސާ ލިބުން އަވަސްކޮށްދެއްވުން އެދި، އެފަރާތުން 24 ޑިސެމްބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސްއިން މި ފައިސާ އެފަރާތަށް ރައްދުކޮށްފައިވޭތޯ ބެއްލެވުމަށް ނިންމެވިއެވެ. ދިވެހި ރާއްޖޭގެ ޗާރޓެޑް އެކައުންޓެންޓްސްގެ ބިލް މާލިއްޔަތު ކޮމިޓީއަށް ޙިއްޞާކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހާއެކު ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުމަށް އެދި އެ އޮފީހުން ފޮނުއްވާފައިވާ ނަންބަރު 7-AUD/57/2019/60 (20 އޮކްޓޫބަރު 2019) ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އަދި ބައްދަލުވުން 12 ފެބުރުވަރީ 2020 ވަނަ ދުވަހު ބޭއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

9 ޖެނުއަރީ 2020

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަޤާމުތަކަށް ހަމަޖެއްސުމަށް ފެންނަ މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލް ހިމަނުއްވައި ނޭޝަނަލް ޕޭ ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

5 ޖެނުއަރީ 2020

2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ކޭޝްފްލޯ ޕްލޭން

ކޮމެޓީ މަސައްކަތް ނިމިފައި

24 ޑިސެމްބަރު 2019

އަބްދުލް ޙާދީ މުޙައްމަދަށް ލިބެންޖެހޭ ފައިސާ ލިބުން އަވަސްކޮށްދެއްވުން އެދި، އެފަރާތުން ފޮނުއްވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

20 އޮކްޓޯބަރު 2019

ދިވެހި ރާއްޖޭގެ ޗާރޓެޑް އެކައުންޓެންޓްސްގެ ބިލް މާލިއްޔަތު ކޮމިޓީއަށް ޙިއްޞާކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހާއެކު ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުމަށް އެދި

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA