ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

15 ފެބްރުއަރީ 2022 12:30

ނަންބަރު

1

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމަށްފަހު ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމަށް ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، ވަޒީފާ ނެތް ނުވަތަ ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބޭރުގެ ކޮންސަލްޓަންޓެއްގެ ފަންނީ އެހީގައި ކުރިއަށް ގެންދެވި ދިރާސާގެ ރިޕޯޓުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، އެ ދިރާސާގެ ދެވަނަ މަރުޙަލާގައި ކޮންސަލްޓަންޓް ތައްޔާރުކުރައްވާފައިވާ "ޑިވެލޮޕްމަންޓް އޮފް އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ބެނިފިޓް ޕްރޮގްރާމް ފޮރ ދި މޯލްޑިވްސް ސިޗުއޭޝަން އެސެސްމަންޓް ރިޕޯޓް" އާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ހިއްސާކޮށްފައިވާކަން ފާހަގަކުރައްވައި، އެ ދިރާސާގައި ކޮންސަލްޓަންޓް އެކުލަވާލައްވާ ރިޕޯޓުތަކާމެދު ކޮމިޓީން އިތުރު ޚިޔާލެއް ހުށަހަޅަން ބޭނުންފުޅުވާނަމަ، އެ ޚިޔާލެއް މިނިސްޓްރީއާ ހިއްސާކުރައްވާނެކަމަށް އެ މިނިސްޓްރީގައި ދެންނެވުމަށް ނިންމެވިއެވެ. ފަހު ކަމަކަށް ކުރިއަށް ގެންދެވީ، ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައަކީ ގއ.ވިލިނގިއްޔާ ގުޅިފައިވާ އެކެފަރުގައި ބަންކަރިންގ ފެސިލިޓީއެއް ޤާއިމްކުރުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާއި، އިންޓަރނޭޝަނަލް ޓެންޑަރއަށް ހުޅުވާލުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ހެދުމާއި، އެ މަސައްކަތްތައް ހިންގުމަށް ފަންޑު ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވެފައިވާތީ، ބަންކަރިންގ ފެސިލިޓީ ޤާއިމުކުރުމަށް އެސެސްމަންޓް ހެދުމާއި، ޑޮކިއުމަންޓްތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންޑު ހޯދައި، އެ މަސައްކަތް ހިންގޭ އިންތިޒާމުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުން އެދިވަޑައިގެން އެ ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ މައްސަލައެއްކަމަށްވުމުން، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވިސްނުންފުޅު ހުރިގޮތް ސާފުކުރުމަށްފަހު މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA