ކޮމިޓީގެ ނަން

އިންތިޤާލީ އިންޞާފުގެ ބިލު ދިރާސާކުރުމަށް އެކުލަވާލެވުނު ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ

ތާރީޚް

31 އޯގަސްޓު 2020 10:25

ނަންބަރު

1

އިންތިޤާލީ އިންސާފުގެ ބިލު ދިރާސާކުރާ ޖޮއިންޓް ސަބް ކޮމިޓީގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް، އަލްފާޟިލާ ނިއުސާ އަޙުމަދު ނަސީރުއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ހުށަހަޅުއްވާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ތާއީދު ކުރެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 5 މެންބަރުންގެ އިއްތިފާޤުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަކަށެވެ. އެއީ، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅުއްވާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ތާއީދުކުރެއްވި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދުގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 5 މެންބަރުންގެ އިއްތިފާޤުން، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. އެއަށްފަހު ކޮމިޓީގެ ބައްދަލުވުންތަކާއި ވޯޓިންގ ކޯރަމް ކަނޑައެޅުމާއި މެދު މަޝްވަރާ ކުރުވުނެއެވެ. ގޮތުން ކޮމިޓީގެ ބައްދަލުވުންތަކުގެ އަދި ވޯޓިންގ ކޯރަމްއަކީ 4 މެންބަރުން ކަމުގައި ކޮމިޓީއަށް ވަޑައިގެން ތިއްބެވި 5 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައިވެއެވެ. އެއަށްފަހު މަޝްވަރާ ކުރެވިފައިވަނީ ކޮމިޓީގެ މަސައްކަތް ނިންމާނެ ސުންގަޑިއަކާ ގުޅޭގޮތުންނެވެ. އެގޮތުން ކޮމިޓީއިން ބިލުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 31 އޮކްޓޫބަރު 2020 ކަމުގައި ކޮމިޓީއަށް ވަޑައިގެން ތިއްބެވި 5 މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އެއްއަށްފަހު ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. އެގޮތުން ކޮމިޓީގެ މަސައްކަތްތައް ފެށުމުގެ ކުރިން، ޢާންމުންގެ ޚިޔާލަށް ހޯދުމަށް އަލުން ހުޅުވާލައި، އާންމުގެ ޚިޔާލު ހުށަހެޅުމަށް ދެ ހަފްތާގެ ފުރުޞަތެއް ދެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ތެރެއިން މިހާތަނަށް ކޮމެންޓް ލިބިފައި ނުވާ އިދާރާތަކަށް، ކޮމެންޓް ހުށަހެޅުމުގެ ފުރުޞަތު އަލުން ދިނުމަށްވެސް ކޮމިޓީއިން ނިންމަވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
27 ނޮވެމްބަރު 2019 - އިންތިޤާލީ އިންސާފުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA