މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގެންދެވީ ސަބް ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރިއަށްގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް، އަލްފާޟިލާ ނިއުސާ އަޙުމަދު ނަސީރެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަށެވެ. އެއީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުޞިން ހުށަހަޅުއްވައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ނަންފުޅެވެ. އެ ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަށެވެ. އެއީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރެއްވި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުޞިންގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުޞިން ސަބް ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. އެއަށްފަހު، މީރާގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރައްވަން ފައްޓަވައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މީރާއިން ޙާޞިލުކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ޙާޞިލުކުރެވިފައިވާ ކަންތައްތަކާއި، ޙާޞިލުކޮށްފައިނުވާ ކަންތައްތައް ފާހަގަކުރުމަށް ނިންމިއެވެ. އަދި އެ ކަންތައްތައް ސަބް ކޮމިޓީން ދިރާސާކުރެއްވުމަށްފަހު އެ ކަންކަން ޙާޞިލުކުރެވިފައިނުވާ ސަބަބު އޮޅުންފިލުވުމަށް މީރާއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA