ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

19 ފެބްރުއަރީ 2020 12:45

ނަންބަރު

6

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމާނެ ސުންގަޑި ކަނޑައަޅައި، އެ ބިލުގެ މަސައްކަތު ތާވަލެއް ކަނޑައެޅުމެވެ. އެގޮތުން، ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއެއް ހުށަހެޅުމަށް، ހުޅުވާލި ފުރުޞަތުގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ މިބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 20 މާރޗް 2020 ކަމުގައެވެ. މި ހުށަހެޅުން ވަނީ ކޮމިޓީ އަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. އެއަށްފަހު، ބިލުގެ މަސައްކަތު ތާވަލެއް ކަނޑައެޅުމަށްޓަކައި، ހުޅުވާލި ފުރުޞަތުގައި ބިލާއި ގުޅުން ހުރި 9 އިދާރާއަކަށް ބިލާއިމެދު ޚިޔާލުހޯދުމަށް ފޮނުވުމަށްވެސް ނިންމެވިއެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ވިޔަފާރީގެ ދާއިރާގައި ވާދަ ވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަސައްކަތު ތާވަލެއް ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި މިބިލާ ގުޅުން ހުރި އިދާރާތަކަށް ބިލާއިމެދު ޚިޔާލުހޯދުމަށް ފޮނުވުމަށް ވެސް ނިންމެވިއެވެ. ތިންވަނަ ކަމަކަށް ކުރިއަށް ގެންދެވީ، މާލިއްޔަތު ކޮމިޓީން ފޮނުވާފައިވާ ކައުންސިލަރުންގެ މުސާރައާއި ގުޅޭ ސިޓީގެ މައްސަލައެވެ. އެ ސިޓީއާއި މެދު މަޝްވަރާކުރެއްވުމަށް ފަހު ގޮތެއް ނުނިންމަވައި މިއަދުގެ ބައްދަލުވުން ވަނީ ނިންމަވާލައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA