ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

28 ފެބްރުއަރީ 2022 12:00

ނަންބަރު

3

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމެވެ. އެގޮތުން، މި ބައްދަލުވުމުގައި ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަށް ދެ ފަހަރެއްގެ މަތިން ދިރާސާތަކެއް ކުރެވިފައިވާކަމާއި، އެ ދިރާސާތަކުން ދައްކާގޮތުގައި އެކަމަކީ ކޮމަރޝަލީ ވަޔަބަލްކަމެއް ނޫންކަމަށާއި ނަމަވެސް ޤައުމެއްގެ ހައިސިއްޔަތުން ވަޔަބަލްކަމެއްކަމާއި، ސަރުކާރުން އެކަމަށް އިންވެސްޓުކުރެވެން އޮތްނަމަ، ސަރުކާރުން އިންވެސްޓްކުރުމަށް ބާރުއަޅާނެކަމަށާއި އައު ޕްލޭނަކާއެކު އެކަން ކުރުމަށް މަސައްކަތްތަކެއް މިހާރު ކުރެވެމުންދާކަމަށާއި މިވަގުތުން މިވަގުތަށް ފަޅުވެރިން ބަދަލުކުރުން، ބަންކަރިންގ އަދި ސެކިއުރިޓީ ކްލިއަރެންސްފަދަ ޚިދުމަތްތައް ދިނުމަށް ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައަޅައި، ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި 2 ހުށަހެޅުމެއް ހުށަހެޅިގެން ދިޔައެވެ. އެއީ މި ބިލު ކޮމިޓީން ނިންމާނެ ސުންގަޑި އަކީ 31 މާރިޗު 2022 ކަމުގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކޮށް ހުށަހެޅި ހުށަހެޅުން އަދި ބިލާ ގުޅިގެން ޢާންމުންގެ ޚިޔާލު ހޯދުމަށާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އަދި އެސް.އެމް.އީ އެންޑް އެންޓަރޕްރިނިއަރ ފެޑެރޭޝަން އޮފް މޯލްޑިވްސްއިން ލިޔުމުން ކޮމެންޓްސް ހޯދުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކޮށް ހުށަހެޅުއްވި ހުށަހެޅުމެވެ. މި ދެ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، އެ ވަގުތު ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން (13/8) ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA