ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

10 ޖުލައި 2019 14:00

ނަންބަރު

16

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2019 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރާނެ ގަޑިއާއި ދުވަސް ކަނޑައެޅުމެވެ. މިގޮތުން ކޮމިޓިއަށް ފޮނުއްވާފައިވާ 12 ބޭފުޅާ އިންޓަވިއު ކުރުމަށް އެ ކޮމިޓީން ނިންމެވީ 22 ޖުލައި 2019 ވަނަ ދުވަހުގެ ހެނދުނު 11:00 ން ފެށިގެން ކޮންމެ ބޭފުޅަކަށްވެސް 20 މިނެޓްގެ ވަގުތުކޮޅެއް ދެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ކޮމިޓިން ކުރިއަށް ގެންދެވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންގެ މައްސަލަ ބެލުމަށް ހަވާލުކޮށްފައިވާ މި ކޮމިޓީގެ ސަބް ކޮމިޓީގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމެވެ. އެގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީޤު ވަނީ އެ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ކޮމިޓީއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ކޮމިޓީގައި މަޝްވަރާ ކުރެވުނީ، ސިވިލްސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކޮށް އެ ކޮމިޝަންގެ މަސައްކަތަކާއި ކޮމިޝަނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް އެ ކޮމިޝަނާ ބައްދަލުކުރެއްވުމަށެވެ. އެގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝަވަރާ ކުރެއްވުމަށްފަހު ނިންމެވީ އެ ކޮމިޝަންގެ މެންބަރުންނާ ވަކިވަކީން، ކޮމިޓީން ބައްދަލުކޮށް މަޢުލޫމާތު ހޯދުމަށްފަހު އެހެން ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ހުރިހާ މެންބަރުންނާ އެއްކޮށް ބައްދަލުކުރުމަށެވެ. އަދި އެ ކޮމިޝަންގެ މެންބަރުންނާ ވަކިވަކީން ބައްދަލު ކުރާނެ ދުވަހެއްކަމުގައި ކޮމިޓީން ނިންމެވީ 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ތިރީގައި ދެންނެވިފައި އެވާ ގޮތަށެވެ. 1. 9:30 ފާޠިމަތު އާމިރާ 2. 10:15 ޢަބްދުﷲ ޝަހީގު 3. 11:15 ޒަކަރިއްޔާ ހުސައިން 4. 12:00 ޝަހީދު 5. 14:00 އެލިޝް އެއަށްފަހު ކުރިއަށްގެންދެވުނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ހާޟިރުވެ ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ޢަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިންގ ގެ މައްސަލައައި އެމް.އެމް.ޕީ.އާރް ސީ ގެ ހިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން އެ ބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްސީލީ މަޢުލޫމާތު ހޯދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރެއްވުމަށެވެ. މި ބައްދަލުވުން އެޖެންޑާ ކުރެއްވުމަށް ނިންމެވީ 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ މެނަދުރުފަހު 14:30 އަށެވެ. އެންމެފަހު ކަމެއްގެ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:30 ގައި ކޮމިޓީން ބައްދަލު ކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA