ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

29 މާރިޗު 2022 11:00

ނަންބަރު

4

2022 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ފަންނީ އުފެއްދުން ގިންތިކުރުމާއި ދަރަޖަކުރުމުގެ ބިލުގެ މަސައްކަތެވެ. ބިލު ކޮމިޓީން ދިރާސާކޮށް ނިންމާނެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، އެ ބިލުގެ ސުންގަޑި އަކީ 27 އެޕްރީލް 2022 ކަމުގައި ކަނޑައެޅުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާޢީދުކުރެއްވި ގޮތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި އާއްމުންގެ ޚިޔާލު ހޯދުމަށް ބިލު މިއަދުން ފެށިގެން 5 އެޕްރީލް 2022 ގެ ނިޔަލަށް ހުޅުވާލެއްވުމަށް ވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ނިންމެވިއެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ބިލާއި ގުޅޭ ގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ފާސްކުރެއްވިއެވެ. އެ ގޮތުން ބައްދަލުކުރެއްވުމަށް ފާސްކުރެއްވި އިދާރާތަކަކީ: 1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް 2. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް 3. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އަދި 4. މޯލްޑިވްސް މީޑިއާ ކައުންސިލް... މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި، މަދްރަސަތުލް އިފްތިތާޙްގެ ހިންގުން ހަރުދަނާކޮށް، ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލަށް ދިމާވެފައިވާ ދަތިތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް އެދި ހުށަހަޅާ ޤަރާރާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ފޮނުއްވާފައިވާ ސިޓީގެ ޖަވާބު މެންބަރުންނާއި ހިއްސާކުރެވުނެވެ. ޤަރާރާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، މި ޤަރާރުގައި މައިގަނޑުގޮތެއްގައި ފާހަގަކުރައްވާފައިވާ ކަންކަން ފުރިހަމަކޮށް ނިމިފައިވާކަމަށް ފެންނާތީއާއި، ޤަރާރުގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރެއިން ނިމިފައިނުވާ ކަންކަމަކީ ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މަދްރަސަތުލް އިފްތިތާޙުން އެދުމުން ހަމަޖެހިގެންދާނެ ކަންތައްތައްކަމުގައި ފެންނާތީ، މި ޤަރާރު ފާސްކުރުމަށް ނުފެންނަކަމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު ކޮމިޓީގެ މެންބަރުގެ އިއްތިފާޤުން ފާސްކުރެއްވީ ޤަރާރުގެ ރިޕޯޓު އެކުލަވާލުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހެޅުއްވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA