ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

12 އޭޕްރީލު 2022 12:00

ނަންބަރު

10

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގެ 1 ވަނަ މާއްދާގެ ގޮތުގައި ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އިޞްލާޙުކޮށް، އެ އިޞްލާޙު ބިލުގައި ހިމެނުމަށާއި، ބިލުގެ 3 ވަނަ މާއްދާގެ ގޮތުގައި ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް، ދެންހުރި އަކުރުތައް ތަރުތީބުކުރުމަށް ހުށަހަޅާ އިޞްލާޙު ބިލުގައި ހިމެނުމަށް ނިންމައި އެގޮތަށް ބިލު އިޞްލާޙުކުރެއްވިއެވެ. އަދި ބިލަށް ކޮމިޓީން ގެންނެވި އިޞްލާޙުތަކާއެކު ކޮމިޓީން ބިލު ފާސްކޮށް މަޖިލީހަށް ރިޕޯޓް ފޮނުވުމަށް އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ ޢައްލަބިއްޔަތުން ފާސްކުރެއްވިއެވެ. ދެން ކުރިއަށް ގެންދެވީ، ކުންފުނީގެ ބިލުގެ ސުންގަޑި ކަނޑައަޅައި، ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމެވެ. އެގޮތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކޮށް ހުށަހަޅާފައިވަނީ، ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 31 އޮގަސްޓް 2022 ކަމުގައި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، އެމް.އެމް.އޭ، އޮޑިޓް އޮފީސް، ބާ ކައުންސިލް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ، އެލް.ޖީ.އޭ، ބައެއް ޕްރައިވެޓް ކުންފުނިތަކާއި އަދި އެސް،އޯ.އީތަކުން ބިލަށް ކޮމެންޓް ހޯދުމުގެ އިތުރުން މިބިލަށް ޕަބްލިކް ކޮމެންޓްސް ހޯދުމަށް ހުޅުވާލުމަށެވެ. މި ހުށަހެޅުން އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ ޢައްލަބިއްޔަތުން ފާސްކުރެއްވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އަދި އެސް.ޓީ.އޯ ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA