ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

23 މޭ 2022 11:00

ނަންބަރު

7

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2021 ވަނަ އަހަރުގެ "އަހަރީ ރިޕޯޓް" 31 މާރިޗު ގެ ނިޔަލަށް ހުށަނާޅުއްވާ މުއައްސަސާތަކުގެ ލިސްޓާއި، ޤާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުން "އަހަރީ ރިޕޯޓް" ފޮނުއްވި ފަރާތްތަކުގެ ތެރެއިން 12 އެޕްރީލް 2022 ގެ ނިޔަލަށް "އަހަރީ ރިޕޯޓް" ހުށަހެޅުއްވި މުއައްސަސާތަކުގެ ލިސްޓާމެދު މަޝްވަރާކުރެއްވުން ކުރިއަށް ގެންދެވިއެވެ. އެގޮތުން، މި ލިސްޓުގައި ގިނަ ޢަދަދަކަށް ކައުންސިލް އިދާރާތައް ހިމެނިފައިވާތީ، ކައުންސިލް އިދާރާތަކުން ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި "އަހަރީ ރިޕޯޓް" ހުށަނާޅުއްވާ ސަބަބާއި، "އަހަރީ ރިޕޯޓް" ހުށަހެޅުއްވުމުގައި ކައުންސިލް އިދާރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން، މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، ކޮވިޑް-19ގެ ބަލިމަޑުކަމުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ދިނުމަށް އެދި ގޮވާލައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒު ހުށަހަޅުއްވާފައިވާ ޤަރާރާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޤަރާރުގައި ހުށަހަޅުއްވާފައިވާގޮތަށް މޮރިޓޯރިއަމް ދިނުމުގައި އިތުރު ލުޔެއް ދެވިދާނެތޯ މިނިސްޓްރީ އޮފް ފިނޭންސްއިން ސާފުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަންޏާއި، ދަރަނި މެނޭޖްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA